25 Dec 2014, 19:06
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދަންޖެހޭ ވަގުތަށް ނުގެންދިއުމުން ބަންދުން މިނިވަންވި މީހަކު މަސްތުވާތަކެއްޗާއެކު ރޭ ހައްޔަރުކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވީ އެ މީހާ އަތުލައިގެންފައި ވަނީ 10 ބްލެޓާއެކު ރޭގެ ވަގުތެއްގައި މަގު މަތިން ކަމަށެވެ.
އެ މައްސަލާގެ ތުހުމަތުގައި އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ފުލުހުން އެ މީހާ އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ކޯޓުގެ އަމުރެއްގެ ދަށުން މއ. ފިނިފެންޖަންބުގެ ބަލާފާސްކުރުމުގެ ތެރޭގައި އެގޭ ތެރެއިން ގިނަ އަދަދެއްގެ ފައިސާއާ މަސްތުވާތަކެތި ފެނިގެންނެވެ.
އެގޭގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 243 ގުރާމް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.