ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދުވަހަކު ވެސް ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިގްތިސާދީ ކޮމިޓީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ފަތުރުވެރިކަމުގެ ސީޒަންގައި ރާއްޖޭގެ ރިސޯޓުތައް އަބަދުވެސް ހުންނާނީ ފުލްވެފައި ކަމަށެވެ. ނަމަވެސް މިއަހަރު ރާއްޖޭގެ ރިސޯޓުތަކުގެ އޮކިޕަންސީ ވަރަށް ދަށްވެފައިވާ ކަމަށް އިލްޔާސް ލަބީބުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން 20 ޕަސެންޓު 30 ޕަސެންޓު ނުފުރޭ ރަށް ރަށް ވެސް އެބަހުރި. މި ކަމަކީ އަޅުގަނޑުމެން ޕާޓީން ވަރަށް ކަންބޮޑުވާ ކަމެއް. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ހާއްސަކޮށް އޮކްޓޯބަރު ނޮވެމްބަރު ޑިސެމްބަރު އަދި ޖެނުއަރީ އަކީ ރާއްޖޭގެ ރިސޯޓުތަކަކީ އަބަދުވެސް ފުލްވެފައި އޮންނަ މާކެޓެއް،" އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަހަރު ނިމެން ހަތަރު ވަރަކަށް ދުވަހަށްވީއިރު ރާއްޖެއަށް ޗާޓާޑު ފްލައިޓެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް މީގެ ކުރީގެ އަހަރުތަކުގައި ރާއްޖޭގެ ރިސޯޓުތަކަށް ފަތުރުވެރިން އަންނަލެއް ގިނަ ކަމުން އެއާޕޯޓު ފުރި އިތުރު ބޯޓެއް ޖައްސާނެ ޖާގަ ލިބިފައި ނުވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިފަދަ މައްސަލަތައް ދިމާވަމުން ދަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފަތުރުވެރިކަމުގެ ރަނގަޅު ސިޔާސަތެއް ނެތުމުން ކަމަށެވެ.

"ހަގީގަތުގައި މި މައްސަލަ މި ދިމާވާ މައްސަލައަކީ ރާއްޖޭގެ ވެރިކަމުގައި ހުރި ރައީސް ޔާމީންގެ ސަރުކާރުގައި އެއްވެސް ކަހަލަ ސީދާ ސާފު ސިޔާސަތެއް ނެތުން. ކިހިނެއްތޯ ރާއްޖޭގެ އިގްތިސާދު ބައްޓަން ވަނީ. އިގްތިސާދީ ބޮޑު މާހިރެއް ކަމެއް ވިދާޅުވެ ވެރިކަމަށް ވަޑައިގަތް ބޭފުޅާގެ ޓޫރިޒަމްގެ ސިޔާސަތެއް ސާފެއް ނުވޭ،" އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވި އެވެ.

ފަތުރުވެރިން ރާއްޖެއަށް އައުން މަދުވާ ސަބަބުތައް ބަޔާން ކުރަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރައްވާފައިވާ އިލްޔާސް ލަބީބު ވިދާޅުވީ ފަތުރުވެރިންގެ އަތުން އުސޫލެއް ނެތި މި ސަރުކާރުން ޓެކްސް ނަގަމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސަތެއް ނެތި ޓެކްސް ބޮޑު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިލިޔާސް ލަބީބް ވިދާޅުވި އެވެ.

"އޭގެ ސަބަބުން ޓުއާ އޮޕަރޭޓަރުންނަށާއި އަދި ރިސޯޓު ހިންގާ ފަރާތްތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރޭ. އެ ހުރިހާ އަސަރެއް އިންޑައިރެކްޓްކޮށް ކުރަމުން ދަނީ ރާއްޖެއަށް އަންނަމުންދާ ފަތުރުވެރިންނަށް. އޭގެ ސަބަބުން ފަތުރުވެރިންނަށް ވަރަށް ބޮޑު އަސަރުކުރޭ،" އިލިޔާސް ލަބީބް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އޮތް އެންމެ މުހިއްމު އެއްޗަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ފަހަތަށް ދިއުމަކީ އެއްވެސް ބޭފުޅަކު އެދޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ހުރިހާ ކަމެއްގައި ޑިފެންސަށް [ފަހަތަށް] ފައިބައިފައި. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ކުރިމަތީގައި އެ ގައުމުތަކުގެ ކުރިމަތީގައި މި ވަނީ ޑިފެންސަށް ފައިބަން ޖެހިފައި. އެ ވަރިހަމަ އިންސާނީ ހައްގުތަކަށް ބެލިއަސް ތަރައްގީގެ ގޮތުން ބެލި ނަމަވެސް. މިއިން ކޮންމެ ކަމެއްގައި ރާއްޖެ ވަނީ ޖަވާބުދާރީ ވާން ޖެހިފައި. ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އަޅުގަނޑުމެން މި ޖެހެނީ ޖަވާބުދާރީވާން ޖެހިފައި،" އިންތި ވިދާޅުވި އެވެ.