ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް ފ. ފީއަލިން މިދިޔަ އޭޕްރިލް މަހު ހައްޔަރުކޮށްފައި ހުރި އިންޑިއާގެ ޓީޗަރަކު އެ ގައުމުގެ ސަރުކާރުގެ ޕްރެޝަރާ ހެދި ރާއްޖޭން މިނިވަންކޮށްފައިވާ ކަމަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރަކު ވިދާޅުވެއްޖެ އެވެ.

ޖަޔަޗަންދުރަން ނަމަކަށް ކިޔާ އުމުރުން 51 އަހަރުގެ އެ މީހާ މިހާރު މިނިވަންކޮށްފައިވާ ކަމަށާއި ގަޑިއެއް ހާއިރު ތެރޭގައި އޭނާ ބެންގަލޫރަށް އަންނާނެ ކަމަށް އޭނާ ނިސްބަތްވާ ކެރެލާ ސްޓޭޓްގެ ބީޖޭޕީ ގޮފީގެ ރައީސް ވީ. މުރަލިދަރަން މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

އޭގެ ކުރިން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ދޫކޮށްލާނެ ކަން ދިވެހި ސަރުކާރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމަށް ޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖަށް އޭނާ ޝުކުރު އަދާކުރައްވާފައިވެ އެވެ.

ފ. ފީއަލީގައި އިނގިރޭސި ޓީޗަރަކަށް ކުރިން ހުރި އެ މީހާ ހައްޔަރުކުރީ އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އޭރު ބުންޏެވެ.