25 Dec 2014, 18:26
ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރައްވައި އިސްތިއުފާ ދެއްވާ ބޭފުޅުންނަށް ރައީސް ކަމުގެ މަގާމަށް ވާދަ ނުކުރެވޭ ގޮތަށް އިސްލާހު ހުށަހަޅުއްވަން ވިސްނަމުންދާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ނިހާން "ސަން"އަށް މިއަދު ވިދާޅުވީ ރައީސް ކަމުގެ މަގާމަށް ވާދަ ކުރެވޭނެ އެންމެ ދޮށީ އުމުރު ކަނޑައަޅާފައިވާ ގޮތަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ ވަކި މީހަކަށް އަމާޒު ކުރެވިގެން ހުށަހެޅި އިސްލާޙެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ވަކި މީހަކަށް އަމާޒުކޮށްގެން އިސްލާހެއް ހުށަހަޅާނަމަ އެންމެ "ފައްކާ" އިސްލާހަކަށް ވާނީ ވެރިކަމުގެ ދައުރު އަދާ ކުރައްވަމުން ދަނިކޮށް އިސްތިއުފާ ދެއްވާފައިވާ ބޭފުޅުންނަށް ރައީސް ކަމަށް ދެން ވާދަ ނުކުރެވޭ ގޮތް ހެދުން ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ފަސް އަހަރުގެ މުއްދަތަކަށް ރައްޔިތުން ހޮއްވަވަނީ އިސްތިއުފާ ދީފައި ފިއްލެވުމަށް ނޫން ކަމަށެވެ.
"[ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް] އަކުރެއް އިތުރުކުރުމަށް ފަހު އޭގައި ހިމަނަންވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން ހޮއްވެވީމަ، އިސްތިއުފާ ދެއްވާފައި ވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެއްވޭނެ ކަމަށް. އެއީ ޓެސްޓް ކުރެވި ނަތީޖާ ނިކުތް، އިސްތިއުފާ ދީފައި ފިލީ. ނުވަތަ ފިއްލެވީ ކަމައް ރައްޔިތުންނަށް ޔަގީން ކަން މި ލިބުނީ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.
މިއަދު ހުށަހެޅުއްވި އިސްލާޙާ ގުޅިގެން ނިހާން ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގައި އެ އިސްލާޙާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭ ކަމަށާއި، ގޮތެއް ނިންމާނީ ދެން އަންނަ ދައުރެއްގައި ކަމަށެވެ.
"މި އިސްލާހާ ގުޅިގެން އަޅުގަނޑުމެންގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މި އިސްލާހު އަމާޒުވާ ކަމަށް، އެ ޕާޓީގެ ބައެއް މެންބަރުން މިއަދު ތަޅުމުގައި ވެސް ވިދާޅުވި،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ޖޭޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް އެގޮތަށް ގަބޫލުފުޅު ކުރެއްވޭނަމަ އެ އިސްލާހާ މެދު ވިސްނާލައި، އެބޭފުޅުންނާ ވާހަކަ ދައްކާލުމުގެ ޖާގަ އޮންނަން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ. އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަކަށް ރިޔާސީ އިންތިހާބުގައި ދެން ވާދައެއް ނުކުރެވޭނެ އެވެ. ރައީސް މައުމޫނަށް މިއަހަރު 77 ފުރޭނެ އެވެ. އަދި އަންނަ އަހަރު ގާސިމަށް 65 އަހަރު ފުރޭނެ އެވެ.