އުމުރުން 65 އަހަރު ވުމުން ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ހޯރަފުށީ ދާއިރާގެ މެންބަރު އިބްރާހިމް އިސްމާއިލް ހުށައެޅުއްވި އިސްލާހަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން މިއަދު ނިންމައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާގައި ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އަށް ހުށައެޅުއްވި އިސްލާހުގެ ފުރަތަމަ ކިއުން ވަނީ އިއްވާފައިފަ އެވެ.

މިއަދުގެ ޖަލްސާއަށް ފަހު ޖޭޕީގެ ޕީޖީ ގްރޫޕެއްގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އެ އިސްލާހަށް ޖުމްހޫރީ ޕާޓީން ތާއީދު ނުކުރާ ކަމަށާއި އަދި އެ އިސްލާހު ފާސްނުކުރުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރާނެ ކަމަށެވެ.

"ޑިމޮކްރެޓިކް އުސޫލުތަކާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިގޮތަށް ކަނޑައަޅާފައި ނުވާތީވެ، އެއީ ހަމަޖެހޭ އުސޫލެއް ކަމަކަށް ގަބޫލެއް ނުކުރަން. މި ޕާޓީއަކުން އެ އިސްލާހަށް ތާއީދެއް ނުކުރާނެ. އަދި އެ އިސްލާހު ފެއިލް ކޮށްލުމަށް ކުރެވެން ހުރި ހުރިހާކަމެއް މި ޕާޓީން ކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ އުމުރުން 65 އަހަރު ވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް މިއަދު ހުށައެޅި އިސްލާހަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކުގެ "ތަނބު" މުގުރާލަން ދިން "ހަމަލަ"އެއްކަމަށެވެ.

"އަޅުގަނޑު ދަންވާނީ ގާނޫނު އަސާސީގެ ތަނބު މުގުރާލަން ދިން ހަމަލާ އެކެ، އަޅުގަނޑުމެން ޖުމްހޫރީ ޕާޓީ އިން ސިފަކުރަނި އޮގޮތަށް، ހައްގުތަށް ވެސް ނިގުޅައިގަނެވޭ ގޮތަށް ހުށައަޅާފައި އޮތް އިސްލާހެއް މިއީ" އަލީ ހުސައިން ވިދާޅުވި އެވެ.

އަދި ޒުވާނުންނަށް ފުރުސަތު ދިނުމަށް ކަމަށް ބުނެ ހުށައަޅަންވީ މިކަހަލަ އިސްލާހެއް ނޫން ކަމަށާއި، ޒުވާނުންނަށް ފުރުސަތުދޭ ނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ އުމުރު 18 އަހަރަށް ތިރިކޮށްލަ ދޭންވީ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަދި މިނިމަމް ވޭޖް އެއް ކަނޑައެޅުމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުން ޒުވާނުންނަށް ފައިދާ ވާނެ ކަމަށް އަލީހުސައިން ވަނީ ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑުމެން ޖުމްހުރީ ޕާޓީ އިން ގަބޫލެއް ނުކުރަން މީކީ ޒުވާނުންނަށް ކަމެއް ކޮށްދޭން ހުށައެޅި އިސްލާހެއް ކަމަކަށް. އަންޑިމޮކްރެޓިކް އުސޫލެއް ރާއްޖެއަށް ގެންނަން ހުށައަޅާފައި އޮތް އިސްލާހެއް މިއީ،" އަލީ ހުސައިން ވިދާޅުވި އެވެ.

ޖުމްހޫރީޕާޓީން ބުނީ މި އިސްލާހަށް ތާއީދު ނުކުރުމަށް ނިންމާފައި ވަނީ ވަކި މީހަކަށް ރައީސްކަމަށް ކުރިމަތު ނުލެވޭތީ ނޫން ކަމަށާއި، މިއީ ހުރިހާ ރައްޔިތުންނަށް ގެއްލޭ ހައްގެއްކަމަށް ގަބޫލުކުރާތީ ތާއިދުނުކުރަން ނިންމީ ކަމަށެވެ.