25 Dec 2014, 16:37
މި ޑިސެމްބަރު މަހު އަތުލައިގަނެވުނު ބަނގުރާގެ އަދަދު އިތުރުވެފައިވާ ކަމަށާއި ބަނގުރާގެ މުއާމަލާތްތައް ހިންގުމުގައި ބިދޭސީން ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ވިދާޅުވީ މިި ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރެ އާ ހަމައަށް މަސްތުވަތަކެތީގެ ބޮ ހަ އޮޕަރޭޝަނެއް ފުލުހުން ހިންގާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަނގުރަލާއި ބަނގުރާ އުފެއްދުމަށް ބޭނުން ކުރާ އާލަތްތައް ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުގައި ބަނގުރާ އުފެއްދުމާއި އެތަކެތި ވިއްކުމަށް ބިދޭސީން ބައިވެރިވާ ކަން ވަނީ ފާހަގަކުރެވިފައި،" ޝިފާން ވިދާޅުވި އެވެ.
އެ މުއްދަތުގެ ތެރޭގައި ފުލުހުން ހިންގާފައިވާ ތަފާތު އޮޕަރޭޝަންތަކަށް ބަލާއިރު ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ފުލުހުން ވަނީ ލެކިއުޓް ފިހާރަ ކައިރިން 91 ފުޅި ބަނގުރާ ބަރުކޮށްގެން ދިޔަ ޕިކަޕެއް ހުއްޓުވައިފަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި 24 އަހަރުގެ ދެ ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ގ.ބެރުގެ ބަލައި ފާސްކުރުމަށް އެގޭ ތެރޭގައި ހުރި ސްޓޫޓިއޯއެއްގެ ތެރެއިން 97 ފުޅި ބަނގުރާ ފުލުހުން ވަނީ ހޯދައިފަ އެވެ. އަދި އެ މައްސަލާގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އެގޭ ތެރެއިން ހަތް ފޫޓުގެ ހަރުފައެއް ފެނިފައިވާ ކަމަށް ވެސް ޝިފާނު ވިދާޅުވި އެވެ.
ހަމަ އެރޭ ހ. ނޫއަކިރީގެ ބަލައި ފާސްކުރުމުގެ ތެރޭގައި އެގޭތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް އަޅާފައި ހުރި 20 ލީޓަރުގެ 21 ހަން ފުލުހުން ވަނީ ހޯދައިފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ 22 އަހަރުގެ 25 އަހަރުގެ ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސްޓާސިނަމާ ކައިރިން ބްރޭޑަޑް 21 ފުޅި ބަންގުރަލާ އެކު 21 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން ޑިސެމްބަރު 11 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ.ޕްލޫޓޯ ބަލައި ފާސްކުރުުމުގެ ތެރޭގައި އަމިއްލަ އަށް އުފައްދާފައި ހުރި ގިނަ އަަދަދެއްގެ ބަނގުރަލާއި ބްރޭންޑަޑް ބަނގުރަލާއި މަސްތުވާތަކެއްޗާއި 17 މަނާ ބޭސް ގުޅަ ވަނީ ފެނިފަ އެވެ. އަދި ބަނގުރާ ކަަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ 17 ފުޅިއާއި ފަސް ލީޑަރުގެ ހަތަރު ފުޅި އާއި ހަތަރު ބާލިދީ ފެނިފައިިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގެ ތުހުމަތުގައި ދިވެހި 35 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކު އަދި ސްޜީލަންކާގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ޝިފާން ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ބަނގުރަލުގެ އަދަދު ގާތްގަނަޑކަށް 400 ފުޅިއާ ގާތްކުރާނެ ކަމަށެވެ.
ބަނގުރާ ވިއްކުމާއި އުފެއްދުމުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީންގެ އަދަދު އިތުރުވާ މައްސަލަ ހައްލުކުރުމަށް ބިދޭސީ ފަރާތްތަކަށް ގޭގެ ކުއްޔަށް ދޭ ފަރާތްތަކުން މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވުމަށާއި ސަފާރީތަކުގައި ގެސްޓުންނަށް ބަނގުރާ ގެންގުޅޭ ފަރާތްތަކުން މިހާރަށް ވުރެ ހަރުކަށިވުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
ކުރިމަތިވަމުން އަންނަ އާ އަހަރުގެ މުނާސަބަތާއި ގުޅިގެން ވެސް ތަފާތު މައުލޫމާތުތައް ފުލުހުންނަށް ލިބެމުން އަންނަ ކަމަށާއި ނަމަވެސް ގާނޫނުން ހުއްދަ ނުކުރާ ކަމެއް ކުރުމަށް ފުރުސަތެއް އަދި ހުއްދައެއް ވެސް ނުދޭނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.