25 Dec 2014, 16:03
ފިލްމު އުފެއްދި ސޮނީ އެންޓަޓެއިންމެންޓް ކުންފުންޏަށް ދިން ސައިބަ ހަމަލާތަކެއްގެ ސަބަބުން ސަމާލުކަން ލިބުނު ފިލްމު "ދަ އިންޓަވިއު" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. އެމެރިކާގެ ފިލްމު އިންޑަސްޓްރީގެ ބޮޑެތި އެހެން ފިލްމުތަކާ ހިލާފަށް އެ ފިލްމު ފުރަތަމަ އާއްމުކުރީ އޮންލައިން ކޮށެވެ.
އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އުން އަވަހާރަކޮށްލަން ރާވާ ރޭވުމެއް ދައްކުވައިދޭ އެފިލްމު ބެލި މަޝްހޫރު ބައެއް މީހުންނާ ހަވާލާދީ ނިއުޔޯކް ޕޯސްޓްގައި ލިޔެފައި ވަނީ އެއީ "އެވަރުގެ" ފިލްމެއް ނޫން ކަމަށެވެ. އެގޮތުން ބައެއް މަޝްހޫރު މީހުން ފިލްމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތައް ލިއުމުގައި ހިމަނާފައިވެ އެވެ.
ދަ އިންޓަވިއު އަކީ މާމޮޅު ފިލްމަކަށް ނުވިޔަސް އެފިލްމުން ވަނީ އާރެކޯޑެއް ހަދާފަ އެވެ. އެގޮތުން އެއީ އެމެރިކާގައި އެފަދަ ފިލްމެއް ސިނަމާގައި އެޅުވުމުގެ ކުރިން އޮންލައިންކޮށް އާއްމުކުރި ފުރަތަމަ ފަހަރެވެ. ސައިބާ ހަމަލާތަކާއި އިންޒާރުތަކަށް ފަހު ސިނަމާގައި އެޅުވުން ކެންސަލް ކުރުމަށް ފަހު އިއްޔެ މެންދުރު ފަހު އެ ފިލްމު އާއްމު ކުރީ ޔޫޓިއުބާއި ގޫގުލް ޕްލޭ އާއި އެކްސްބޮކްސް ވީޑިއޯއާއި ސޮނީގެ ވެބްސައިޓްގަ އެވެ. އެ ފިލްމް އެމެރިކާގެ ބައެއް ސިނަމާތަކުގައި އަޅުވާނެ އެވެ.
ދަ އިންޓަވިއު އެޅުވުމުގެ ކުރިން އެފިލްމާ ގުޅިގެން ބޮޑެތި ކަންތައްތަކެއް ހިނގާފައިވެ އެވެ. އެގޮތުން އެމެރިކާއާއި އުތުރު ކޮރެއާއާ ދެމެދު ފިލްމުގެ މައްސަލައިގައި ޒުވާބުތަކެއް ހިނގި އެވެ. ސޮނީއަށް ދިން ސައިބާ ހަމަލާތަކަކީ އުތުރުކޮރެއާ ސަރުކާރުން ކުރި ކަމެއް ކަމަށް ވިދާޅުވެ، އޭގެ ބަދަލު ހިފާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން މުޅި އުތުރުކޮރެއާއިން ނުވަ ގަޑިއިރަށް އިންޓަނެޓްގެ ހިދުމަތް ކެނޑުނެވެ.