ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާޒިޔާ ސްޕޯޓްސް ކަލްބަށް ސޮއިކޮށްފި އެވެ.

އިމްރާން މާޒިޔާއަށް ސޮއިކުރީ މިއަދު މަޒާޑާ ކެފޭގައި ބޭއްވި ހާއްސަ ހަފްލާއެގަ އެވެ. އޭނާ ވޭތުވެދިޔަ ތިން ސީޒަންގައި ވެސް ކުޅެދީފައި ވަނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކަލްބަށެވެ. އަދި މިއަހަރުގެ ސީޒަންގައި ނިއު އާއިއެކު ގައުމީ ތަށި މިލްކުކޮށް، ދިވެހި ލީގު ވެސް ކާމިޔާބު ކުރުމުގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު 100 ޕަސެންޓު ރިކޯޑަކާއި އެކު ދިވެހި ލީގު ނިންމާލަން ނިއުއަށް އެހީތެރި ވެދީފަ އެވެ.

އިމްރާން މާޒިޔާއަށް ސޮއެކުރުމުން ނިއުއިން ވަނީ އޭނާ އެ ކްލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށް، އޭނާއަށް ރަނގަޅު ކުރި މަގަކަށް އެދިފަ އެވެ. ނިއުއިން ވެސް އޭނާ އެ ކްލަބުގައި ބަހައްޓަން ބޭނުންވިއިރު، އެ ކްލަބުން ބުނީ އިމްރާނަކީ އެކްލަބަށް "އެންމެ މުހިންމު އެއް ކުޅުންތެރިޔާ" ކަމަށާއި "އޭނާ ކްލަބުގައި ބަހައްޓަން ރީޒަނަބަލް ގޮތެއްގައި ކުރެވެން ހުރި ހުރިހާ ކަމެއް" ކުރި ކަމަށެވެ.

މާޒިޔާއިން ބުނެފައި ވަނީ އަންނަ ސީޒަންގައި އެހެން ޓީމުތައް "ސިއްސުވާލާ ފަދަ މޫނުތަކެއް" އެ ކްލަބުން ފެނިގެން ދާނެ ކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން އަންނަ ސީޒަންގައި އެ ކްލަބަށް މުބަރާތްތަކުގައި "ރަނގަޅު ފައިޓެއް އިދިކޮޅު ޓީމުތަކަށް ދެއްކޭނެ" ކަމަށް ވެސް އެ ކްލަބުން ބުނެފައިވެ އެވެ. އިމްރާން މާޒިޔާއަށް ސޮއިކޮށްފައި ވާއިރު، ގައުމީ ޓީމުގެ ދެވަނަ ގޯލްކީޕަރު މުހައްމަދު އިމްރާން ވެސް މިހާރު ހުރީ އެ ކްލަބުގަ އެވެ.

ނިއުގެ ކެޕްޓަންކަން ވެސް އަދާކުރަމުން ދިޔަ އިމްރާން އޭނާގެ ސީނިއާ ފުޓްބޯޅަ ކެރިއަރު ފަށާފައި ވަނީ 1999 ގައި ކްލަބް އީގަލްސް އިންނެވެ. އަދި ހަމަ އެ އަހަރު އޭނާ ރާއްޖެގެ ގައުމީ ޓީމަށް ވެސް ކުޅެދޭން ފަށާފައި ވާއިރު، ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އިމްރާނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރެވެ.