03 Feb 2011, 18:15
ފުލުހުން އިއްޔެ ހދ. މަކުނޫ ކަތީބު މުހައްމަދު އަހްމަދު ހައްޔަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ފުރާނަފުޅަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި އޭނާ އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ކަތީބު މިއަދު ވިދާޅުވެއްޖެ އެވެ.
ކޯޓު އަމުރެއްގެ ދަށުން މިހާރު ދޫކޮށްލާފައިވާ ކަތީބު މުހައްމަދު އަހްމަދު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ފުލުހުން އިއްޔެ އޭނާ ހައްޔަރުކުރީ މުވައްޒަފުންގެ މުސާރަ ނަންގަވަން ކުޅުދުއްފުއްޓަށް ވަޑައިގެން ބޭންކު ކައިރީ ހުންނަވަނިކޮށް އިއްޔެ ހެނދުނު 10:15 އެހާކަންހާއިރު ކަމަށެވެ. އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހު، "ރައީސުލްޖުމްހޫރިއްޔާ މަކުނުދޫ އަށް ވަޑައިގަންނަވަން އުޅޭކަން އެނގޭހޭ" ކިޔައި، ފުލުހުން އޭނާއާ ސުވާލުކުރި ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަޅުގަނޑުގެ އޮފީހަކަށް، ނުވަތަ އަޅުގަނޑަކަށް ވެސް އަދި ފޯނަކުން ވެސް މެސެޖަކުން ވެސް އެނޫން ގޮތަކުން ވެސް އަޅުގަނޑަށް އަންގަވައިފައެއް ނެތޭ. އެކަމަކު ރަށު ތެރޭ މީހުން ދައްކާ އަޑު އިވެޔޭ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަން އުޅޭކަން،" މުހައްމަދު ވިދާޅުވި އެވެ.
ކަތީބު އިތުރަށް ވިދާޅުވީ، ފުލުހުންގެ ލިޔެކިޔުން ތަކުގައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އޭނާ ކަންތައްތައް ކުރެއްވި ގޮތުން، "އެ އަމަލަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނުވަތަ އެފަދަ ރޭވުމެއް އޮވެގެން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރެވޭތީ" ކަމަށެވެ.
ނަމަވެސް، އެ މައްސަލައާ ގުޅޭ އެއްވެސް ސުވާލެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. "މީ މައްސަލައަކީ. އެކަމަކު އެމަނިކުފާނަށް ހަމާލަ އެއް ދޭން ރޭވިންތޯ ނުވަތަ އެކަހަލަ އެއްވެސް ސުވާލެއް އަޅުގަނޑަކާ ނުކުރައްވާ،" މުހައްމަދު 45، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޖެނުއަރީ 25، 2011 ގައި ކުޅުދުއްފުށީގައި އޮތް ކެބިނެޓް ބައްދަލުވުމަށްފަހު ރައީސް އެރަށަށް ވަޑައިގަންނަވާނެ ކަން ޕްރޮވިންސް އޮފީހުން އެރޭ ދަންވަރު އޭނާގެ މޯބައިލް ފޯނަށް ގުޅާ އެންގި ކަމަށެވެ. ނަމަވެސް އެ ދަތުރުފުޅު ކެންސަލްވީ ކަމަށާއި ފަހުން އެމަނިކުފާނު ވަޑައިގަންނަވާނެ އެއްވެސް ތާރީޚެއް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަންގާފައިނުވާ ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ.
އަދި އިއްޔެ ހެނދުނު 7:15 އެހާކަންހާއިރު ކުޅުދުއްފުއްޓަށް ފުރަން ވަޑައިގެންނެވިއިރު ކޯސްޓްގާޑުގެ ދެ ލޯންޗެއް ރަށާ ކައިރިން އޮތް ތަން ފެނުމުން، ރައީސް ނަޝީދު ވަޑައިގަންނަވަން އުޅުއްވާކަން ވިސްނިވަޑައިގެންނެވި ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ. އަދި ވަގުތު އޮއްވާ އެއްވެސް ރަސްމީ ފަރާތަކުން ގުޅައި އެކަން ކަށަވަރުކޮށްދީފި ނަމަ، އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުޑަ ކަތީބަށް ގުޅުއްވައިފަ އިއްޔެ ހެނދުނު ދެންނެވި ކަމަށް ވެސް ކަތީބު މުހައްމަދު ވިދާޅުވި އެވެ. "އެކަމަކު އެއްވެސް ރަސްމީ މުއައްސަސާއަކުން ނާންގަވައޭ އެކަމެއް،"
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ ހދ. އަތޮޅު މަކުނުދޫ އަށް ވަޑައިގަތްއިރު އެމަނިކުފާނުގެ އިސްތިގުބާލުގައި އެ ރަށު ރައްޔިތުން ނެތުމުން، އެ ރަށު ކަތީބު ފުލުހުން ހައްޔަރުކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވީ އިއްޔެ އެވެ.
ނަމަވެސް، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ރައީސް އިއްޔެ މަކުނުދުއަށް ވަޑައިގަތް އިރު ރައީސްގެ އިސްތިގުބާލުގައި "ފުދޭވަރަކަށް މީހުން ތިބި" ކަމަށާއި "އެންމެ ވެރިޔަކު ނެތުމަކީ" ރައްޔިތުން ނެތް" ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކަތީބު ހައްޔަރު ކުރެއްވުމާ އެކަމާ ގުޅުމެއްވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.