އެމެރިކާ ރައީސް ބަރަކް އޮބާމާ އާއި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެ ބޭފުޅުން އެއްްކޮށް ހަވާއީގައި އިއްޔެ ގޮލްފް ކުޅުއްވައިފި އެވެ.


ރައީސް އޮބްމާ އާއި މެލޭޝިޔާގެ ބޮޑު ވަޒީރު މިވަގު ޗުއްޓީ ހޭދަ ކުރައްވަމުން އަންނަނީ، އޮބާމާ އުފަންވި، އެމެރިކާގެ ހަވާއީގަ އެވެ.

އޮބާމާގެ ދެ އެހީތެރިއަކާ އެކު ދެ ބޭފުޅުން ގޮލްފް ކުޅުއްވީ އެމެރިކާގެ މެެރިން ކޮޕްސް ބޭސް، ކަނެއް ބޭގައި ކަމަށް ވޮއިސް އޮފް އެމެރިކާ އިން ބުންޏެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ ގޮލްފް ކުޅުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އޮބާމާ ވިދާޅުވީ އެ ގުޅުން އިތުރަށް ކުރިއަށް ގެންދިއުމަށް ފެށޭ އަހަރު އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް މި އަހަރު ކުރީކޮޅު ވަނީ މެލޭޝިޔާ އަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި އެއީ ވޭތިވެ ދިޔަ ގާތްގަނޑަކަށް 50 އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސަކު މެލޭޝިޔާ އަށް ކުރެެއްވި ފުރަތަމަ ޒިޔާރަތެވެ.