25 Dec 2014, 14:37
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ މަސައްކަތްތެރި ނަތީޖާ ނެރެދޭ މަޖިލީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ތިން ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ނިންމާލައްވަމުން، މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވައި މަސީހު ވިދާޅުވީ 18 ވަަނަ ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރަޓިކް ރޫހެއްގައި މަސައްކަތްކުރަމުން އަންނަ މަޖިލީހެއް ކަމަށެވެ.
"އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ އެކުވެރި، މަސައްކަތްތެރި އަދި ނަތީޖާ ނެރެދޭ މަޖިލީހެއް. ޒަމާނީ ޑިމޮކްރަސީގެ ކަމަރު ބަނދެލައިގެން ތަހުޒީބާއި ތަމައްދުނުގެ ދަތުރުގައި ކެރިގެން ދަތުރު ކުރާ މަޖިލީހެއް. އިއްޒަތްތެރި މެމްބަރުންނަށް އައްސަރިބަހާއި ސާބަސް ހައްގު." މަސީހް ވިދާޅުވި އެވެ.
މަސީހު ވިދާޅުވީ 18 ވަނަ މަޖިލީހުގައި ޑިމޮކްރަސީއެއްގައި ފެންނަ ޖެހޭ ހުރިހާކަމެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 18 ވަނަ މަޖިލީހަކީ ރައްޔިތުންގެ އަޑު އުފުލި ރައްޔިތުންނަށް ޓަކައި ވަކާލާތު ކުރެވިގެން ދިޔަ މަޖިލީހެއް ކަމަށެވެ.
"މަޖިލީހަށް ހާޒިރުވި، ރައްޔިތުންގެ އަޑު އުފުލި ވަކާލާތު ކުރި، ޕްރޮޓެސްޓު ކުރި، ވޯޓުން ކަންކަން ނިންމި. މިއަށްވުރެ ބޮޑެއްކޮށް ރައްޔިތުންގެ މަޖިލީހުގައި މަަސައްކަތެއް ނުކުރެވޭ." މަޖިލީހުގެ ރައީސް މަސީހު ވިދާޅުވި އެވެ.
މަސީހު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިންމާލެވިގެން ދިޔައިރު 96.05 އިންސައްތައިގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.
މަޖިލީހުގެ މެމްބަރުން މިއަދުން ފެށިގެން ޗުއްޓީ އަށް ވަޑައިގެންނެވި އިރު އެބޭފުޅުންގެ ޗުއްޓީ ހަމަ ދެން މަޖިލީހުގެ ޖަލްސާތައް ބާއްވަން ފަށާނީ އަންނަ އަހަރުގެ މާޗު މަހު އެވެ.