25 Dec 2014, 14:18
ރާއްޖެ އެތެރެކުރުން މަނާތަކެތީގެ ތެރެއިން މަސްތުވާތަކެއްޗަށް ހިތްވަރުދޭ ތަކެއްޗާއި އިސްލާމްދީނާއި ހިލާފް ތަކެތީގެ ތެރެއިން ވޭތުވެ ދިޔަ ތިން އަހަރު ތެރޭ ކަސްޓަމްސް އިން ހިފަހައްޓާފައި ވަނީ 203 ތަކެތި ކަމަށް ކަސްޓަމުސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން ސަން އަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާ އިރު މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަސްތުވާތަކެއްޗަށް ހިތްވަރުދޭ ތަކެތީގެ ތެރެއިން ރާއްޖެ އެތެރެކުރަން އުޅުނުތަކެތީގެ ތެރެއިން 2012 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް ހިފެހެއްޓިފައި ވަނީ 19 ތަކެއްޗެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާ ހިލާފްތަކެތީގެ ތެރެއިން ވޭތިވެ ދިޔަ ތިން އަހަރުގެ ތެރޭގައި ހިފެހެއްޓިފައި ވަނީ 187 ތަކެތި ކަމަށް ބުނެފައިވެ އެވެ.
ނައްތާލުމަށް ޓަކައި 2012 އަހަރު ހިފެހެއްޓުނު އިސްލާމް ދީނުގެ އަސްލުތަކާ ހިލާފް ތަކެތީގެ އަދަދު 126 އަރައެވެ. މިދިޔަ 2013ގައި އެދަދަދު 41 އަށް އަރާ އިރު މިއަހަރު އެއަދަދު ހުރީ 20 ގައެވެ.
ނަމަވެސް އެތަކެތީގެ ތަފްސީލެއް ކަސްޓަމުސް އިން ނުދެއްވަ އެވެ.
ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވީ އެފަދަ ތަކެތީ އެމްއެންޑީއެފް އާއި ގުޅިގެން ނައްތާލަމުން އަންނަ ކަމަށެވެ.
"ޤާނޫނާއި ގަވާއިދާ ހީލާފްތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަކީ، ކަސްޓަމްސްގެ މައިގަނޑު އެއްމަސައްކަތް، އެފަދަ ތަކެތި އެތެރެވުން ހުއްޓުވުމަށް ޓަކައި ރާއްޖެ އަށް އަންނަ ފަސިންޖަރުންނާއި ފަސިންޖަރުންގެ ފޮށިތަންމަތި އަދި ރާއްޖެ އަށް އެތެރެކުރެވޭ މުދާ ބަލައި ފާސްކުރުމުގައި ޤާނޫނާއި ގަވާއިދާ ހިލާފް ތަކެތި ފެނިއްޖެ ނަމަ އެތަކެތި ހިފެއްޓުމަށް ފަހު އެފަދަ މައްސަލަތަކާ މެދު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުން،" ކަސްޓަމުސްގެ އޮފިޝަލް ވިދާޅުވި އެވެ.
އާންމު އިޖްތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ "އ"ގައި ބުނެފައި ވަނީ އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުމަކީ ކުށެކެވެ. ހަމައެހެންމެ ޖިންސީ ގުނަވަނެއް ނުވަތަ އެފަދަ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ ހެދުން ބޭނުން ކުރުމަކީ ވެސް ކުށެކެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 128 ވަނަ މާއްދާގެ ދަށުން މަސްތުވާތަކެއްޗަށް ހިތްވަރުދިނުމާއި ޝައުޤުވެރިކުރުވުމަކީ ކުށެކެވެ. އަދި އެ މާއްދާގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.
"މަރުވާނާ" ފަތެއް ނިޝާނަކަށް އިން ބެލްޓެއް އަޅައިގެން އުޅުނު މީހަކު ފުލުހުން ވަނީ ދާދިފަހުން ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެއްޗަށް ހިތްވަރުދީ އެފަދަ ކަންކަމަށް ޝައުގުވެރިކަން އުފެދޭ ގޮތަށް އަމަލު ކުރާ ފަރާތްތަކާ މެދު ފުލުހުން ގާނޫނުގައި ބުނެފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކަސްޓަމުސް އިން އެފަދަ ތަކެތި އެތެރެވިޔަ ނުދީ ހިފަހައްޓާ ކަމަށް ބުނި ނަމަވެސް އެފަދަ ތަކެތި ރަމްޒުކޮށްދޭ ޓީޝާޓު ތަކާއި ތަޅުދަނޑި ފޫތަކުގެ އިތުރުން ތަފާތު އެފަދަ އެތައް ތަކެއްޗެއް ގެންގުޅުމަކީ ވަރަށް އާންމު ކަމެކެވެ. އަދި އެފަދަ ތަކެތި މާލޭގެ ފިހާރަތަކުގައި ވިއްކަން ވެސް އެބަހުއްޓެވެ.