ރާއްޖޭގެ ތިން ހޮސްޕިޓަލަކާއި ހަ ސިއްހީ މަރުކަޒެއް މަރާމާތު ކުރުމުގެ މަސައްކަތް ކުންފުނިތަކަކާ އެކި ފަރާތްތަކާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެ ޕްރޮޖެކްޓުތައް ހަވާލު ކޮށްދެއްވާފައި ވަނީ އެ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ. އެ ޕްރޮޖެކްޓުގެ ދަށުން މަރާމާތު ކުރާ މަރުކަޒުތަކަކީ ތ. ތިމަރަފުށި ހެލްތު ސެންޓަރާއި ނ. ކެނދިކުޅުދޫ ހެލްތު ސެންޓަރާއި ނ. ހޮޅުދޫ ހެލްތު ސެންޓަރާއި ޏ. އަތޮޅު ހޮސްޕިޓަލެވެ. އަދި ފ. އަތޮޅު ހޮސްޕިޓަލާއި ގދ. ގައްދޫ ހެލްތު ސެންޓަރާއި ނ. މާފަރު ހެލްތު ސެންޓަރު އަދި ށ. ކޮމަންޑޫ ހެލްތު ސެންޓަރު ވެސް ހިމެނެ އެވެ. މީގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އަލަށް ހަދާ ފާހާނަ ވެސް އެ ޕްރޮޖެކްޓުގައި ހިމެނެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުތެރެއިން-- ސަން ފޮޓޯ އަލީ ނަސީރު

ކޮންޓްރެކްޓަރުންނާއި ދާއިރާތަކުގެ މަޖިލިސް މެމްބަރުންގެ ހާޒިރުގައި ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ހަވާލުކޮށްފައިވާ އިރު އެ ޕްރޮޖެކްޓަކީ ސަރުކާރުގެ ބަޖެޓުން 4،011،236 ދިވެހި ރުފިޔާ ހަރަދުވާނެ ޕްރޮޖެކްޓެކެވެ.

ތިމަރަފުށީގެ ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ ލަތީފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

ކެނދިކުޅުދޫ ހެލްތު ސެންޓަރާއި ކޮމަންޑޫ ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ހޮޅުދޫ ހެލްތު ސެންޓަރާއި މާފަރު ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ހަވާލުކުރީ ރަޒާ ކޮންޓްރެކްޓިން ޕްރައިވެޓާ އެވެ. ޏ. އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރުމަށާއި ޑރ. އަބްދުއްސަމަދު މެމޯރިއަލްގެ އައިސީޔޫގައި އައު ފާހާނަތަކެއް ހެދުމަށް ހަވާލުކޮށްފައިވަނީ ހައިޓެކް މޯލްޑިވްސް އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުތެރެއިން-- ސަން ފޮޓޯ އަލީ ނަސީރު

ފ. އަތޮޅު ހޮސްޕިޓަލާއި ގައްދޫ ހެލްތު ސެންޓަރު މަރާމާތު ކުރަން ހަވާލުކޮށްފައި ވަނީ ދެ ފަރާތަކާއެވެ. ފ. އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރުމަށް ހަވާލު ކޮށްފައިވަނީ އެރަށު، އައްސޭރި، އަލީ އަހުމަދެވެ. އަދި ގައްދޫ މަރުކަޒު މަރާމާތު ކުރަން ހަވާލުކުރީ އެރަށު، ޖަހާމުގުރިގޭ މުހައްމަދު ނަސީރެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އަބްދުއްސަމަދު ހޮސްޕިޓަލް މަރާމާތުކޮށް ނިމުމާއެކު އެ ހޮސްޕިޓަލުން ޑައިލަސިސްގެ ހިދުމަތް ދޭން ފަށާނެ ކަމަށާއި ގދ. ގައްދޫ ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ހަވާލުކުރި ނަމަވެސް އަންނަ އަހަރު އައު މަރުކަޒެއް އެރަށުގައި އެޅުމަށް ބަޖެޓު ކުރެވިފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުތެރެއިން-- ސަން ފޮޓޯ އަލީ ނަސީރު

"ހަމައެއާ އެކު އަބްދުއްސަމަދު މެމޯމިރިއަލް ހޮސްޕިޓަލްގައި އާބާތުރަ ފިލުވުމާ އެކު ޑައިލަސިސްގެ ހިދުމަތް ދެވިގެން ދާނެ. އޭގެ އިތުރުން ހަމަ އަޅުގަނޑު ފާހަކޮށްލަން ބޭނުން، ގައްދޫ ހެލްތު ސެންޓަރު މަރާމާތުކުރުން މިއަދު ހަވާލު ކުރި ކަމުގައިވިޔަސް މިއަންނަ އަހަރު ފެށޭއިރުގައި އެރަށުގައި އައު ހެލްތު ސެންޓަރެއް މިވަނީ އަޅުގަނޑުމެންނަށް ބަޖެޓު ކުރެވިފައި،" ނާޒިމް ވިދާޅުވި އެވެ.