ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޒޯން ފަހެއްގައި ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗު އެއްވަރު ވެއްޖެ އެވެ.

ޒޯން ފަހެއް މުބާރާތުގެ އިއްޔެގެ މެޗުގައި ބައްދަލުކުރީ ޖަމިއްޔަތުއް ޝަބާބް ނިލަންދޫ އާއި ދަރަނބޫދޫ ޒުވާނުންގެ ކްލަބެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުންކުރެ އެއް ޓީމަށް ވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިން ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ ނިލަންދޫ ޓީމުންނެވެ. ނަމަވެސް ލިބުނު ބޯޅަ ތަކުގައި ދަރަނބޫދޫ ޓީމް ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ. މެޗުގެ ދެވަނަ ހާފްގައި ނިލަންދޫ ޓިމްގެ ގޯލްކީޕަރު ސޮބާހަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ދެވަނަ ހާފްގެ ބޮޑު ބައި ބަދަލު ގޯލްކީޕަރު މުހައްމަދު ވަހީދު އާއެކު ކުޅެމުން ދިޔަ ނިލަންދޫ ޖަމިއްޔަތުއް ޝަބާބް އެ ހާފްގައި ވެސް ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، އެ ހަމަލާތަކުގެ ހުރަހަކަށް ވީ ދަރަނބޫދޫ ޓީމްގެ ގޯލްކީޕަރު ހުޒެއިލް އެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޖަމިއްޔަތުއް ޝަބާބް ނިލަންދޫގެ އަހުމަދު ރިޒުވާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން އަދި ބީއެމްއެލްގެ ބޯޑް މެންބަރު މުހައްމަދު އުމަރު އެވެ.

ޒޯން ފަހެއްގެ ފުޓްބޯޅަ މުބާރާތުގައި މިފަހަރު ހަ ޓީމެއް ވާދަކުރާ އިރު، އެ މުބާރާތުގައި ވާދަ ކުރަނީ ދ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ފ. އަތޮޅު ގައި އެފްއޭއެމުން ކުރިއަށް ގެންދިޔަ އަތޮޅު މުބާރާތްތަކުގެ ޗެންޕިއަން ޓީމުތަކާއި ރަނަރަޕް ޓީމް ތަކެވެ. ދ. އަތޮޅުން އެ މުބާރާތައް ދަތުރު ކޮށްފައި ވަނީ އެ އަތޮޅު މުބާރާތުގެ ޗެންޕިއަން މާއެނބޫދޫ މުޑި ޖަމިއްޔާ އާއި ރަނަރަޕް ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

މ. އަތޮޅު މުބާރާތުގެ ޗެންޕިއަން ޓީމެއްގެ ގޮތުގައި މުލަކު އެކުވެރި ކްލަބް ޒޯން ފަހެއްގެ މުބާރާތައް ދަތުރުކޮށްފައި ވާއިރު، އެ އަތޮޅު މުބާރާތުގެ ރަނަރަޕް ޓީމެއްގެ ގޮތުގައި ޒޯން ފަހެއްގެ މުބާރާތައް ދަތުރުކޮށްފައި ވަނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އެވެ. އަދި ފ. އަތޮޅުން ޒޯން ފަހެއްގެ މުބާރާތަށް ދަތުރު ކުރީ އެ އަތޮޅު މުބާރާތުގެ ޗެންޕިއަން ދަރަނބޫދޫ ޒުވާނުންގެ ޖަމިއްޔާ އާއި ރަނަރަޕް ޖަމިއްޔަތުއް ޝަބާބް ނިލަންދޫ އެވެ.

ފ. އަތޮޅު ނިލަންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފެށި އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕް އުސޫލުން ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިންނެވެ. ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމްގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗު މިމަހުގެ 31 ވަނަ ދުވަހާއި އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ އިރު، އެ މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ ޖެނުއަރީ ތިންވަނަ ދުވަހު އެވެ.