25 Dec 2014, 14:04
ރާއްޖޭގައި ތިބޭ ބޭރު ގައުމުތަކުގެ ކުށްވެރިން އެގައުމުތަކަށް ގެންދެވޭނެ ހާލަތްތަކާއި އަދި އެފަދައިން ގެންދިޔުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާ "އެކްސްޓްރަޑިޝަންގެ ބިލް" ކޮމިޓީ އިން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލް ފާސްކުރަން ފެންނަ ކަމަށް 58 މެމްބަރުން ވަނީ ވޯޓު ދެއްވާފައި އެވެ. ނުފެންނަ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވި އެވެ.
އެ ބިލް ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ބޭރު ގައުމުތަކުގެ ކުށްވެރިން "އެ ގައުމުތަކަށް ގެންދެވޭނެ ބާވަތުގެ ކުށްތައް" ކަނޑައެޅުމާއި އެއްގައުމުން އަނެއްގައުމަށް ގެންދެވޭ ކުށްވެރިން ރާއްޖޭގައި ޓްރާންޒިޓް ކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެ އަށް ގެނެވޭ ކުށްވެރިންނާ މެދު އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
އެގޮތުން އެއް ގައުމުން އަނެއް ގައުމަށް ކުށްވެރިން ބަދަލު ކުރެވޭނީ އެމީހަކު ކޮށްފައިވާ ކުށަކަށް ދައުވާ އުފުލިފައިވާ ނަމަ އެކަމުގެ ޝަރީއަތް ހިންގުމަށާއި އެމީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފައިވީ ނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހެއް ނަމަ އެ އަދަބު ކަނޑައެޅުމަށް ޓަކައެވެ. އަދި އެމީހެއްގެ މައްޗަށް ކުށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހެއްކަމުގައިވާ ނަމަ ހުކުމް ތަންފީޒު ކުރުމަށްޓަކައި ވެސް ކުއްވެރިން ބަދަލުކުރެވޭނެ ކަމަށް އެ ބިލްގައި ބުނެފައިވެ އެވެ.
އެ ބިލްގެ ދަށުން ދިވެހި ކުށްވެރިން ބޭރުގައުމުތަކަށް ނުގެންދެވޭނެ އެވެ. އެހެންނަމަވެސް އެކްޓްރަޑައިޓްކުރަން އެދި ހުށަހަޅާ ގައުމަކުން އެދިއްޖެ ހިނދެއްގައި، ރާއްޖޭގައި ދައުވާ އުފުލެން އޮތް ނަމަ، އޭނާ އެކްސްޓްރަޑައިޓްކުރަން އެ ގައުމުން ބޭނުންވާ ކުށުގެ ދައުވާ އޭނާގެ މައްޗަށް ރާއްޖޭގައި އުފުލަންވާނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.
އެ ގާނޫނުގެ ދަށުން ކުށްވެރިން އެކްޓްރަޑައިޓް ކުރެވޭނެ ބާވަތުގެ ކުށަކީ، އެ ކުށަކީ އެ ކުށްވެރިއަކު އެކްޓްރަޑައިޓް ކުރުމަށް އެދޭ ގައުމުގެ ގާނުނުގެ ދަށުން އެ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ނުވަތަ އެނޫން ވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެވެ. އަދި އެ ކުށަކީ ރާއްޖޭގައި ކޮށްފައިވާ ކުށެއް ނަމަ ރާއްޖޭގެ ގާނުނުގެ ދަށުން އެ އަމަލުން ފުރިހަމަވާ ކުށުގެ އަދަބެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ، ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ބާވަތުގެ ކުށެވެ.