ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހުށަހެޅުއްވި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލް ކޮމިޓީ އިން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިބިލު ފާސްކުރަން ފެންނަ ކަމަށް 51 މެމްބަރުން ވަނީ ވޯޓު ދެއްވާފައި އެވެ. ނުފެންނަ ކަމަށް ތިން މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތް މެމްބަރުން ތިއްބެވި އެވެ.

އަމީތު ހުށަހެޅުވި ބިލްގައިވާ ގޮތުން އެފަދަ ގާނޫނެއްގެ މަގުސަދަކީ ޖިނާއީ ތަހުގީގުތަކުގައި އެހީތެރި ވުމަށްޓަކައި ރާއްޖޭގައިވާ މީހުން އެ ގައުމުތަކަށް ދަތުރު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭރު ގައުމުތަކުން ރާއްޖެ އަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ އުސޫލުތަކާއި އެފަދަ އެހީ ފޯރުކޮށްދިނުމުގައި އަމަލު ކުރާނެ ގޮތް ބަޔާން ކުރުމެވެ. އަދި ތަހުގީގުތަކުގައި އެހީތެރި ވުމަށް ބޭރު ގައުމުތަކުގައިވާ މީހުން ރާއްޖެއަށް ދަތުރު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭނުންވާ އެހީ ހޯދުމަށްޓަކައި ރާއްޖެއިން އެދުމާއި އެފަދަ އެހީ ހޯދުމުގައި އަމަލު ކުރާނެ އުސޫލުތައް ވެސް އެ ބިލްގައި ވަނީ ބަޔާންކޮށްފަ އެވެ.

އެ ބިލުގައި އެހީ ބަދަލުކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ބުނެފައި ވަނީ މީހެއްގެ ބަޔާން ނެގުން ނުވަތަ ހެކިބަސް ހޯދުން، ހެކި ހޯދުމުގައި ތަންތަން ބަލާ ފާސްކުރުމެވެ. އަދި ހަމައެއާ އެކު އެއްޗެއްސާއި ތަންތަން ބަލައި ފާސްކުރުމާއި މުދަލުން މުއާމަލާތްކުރުމާއި ހުއްޓުވުމާއި މުދާ ހިފެހެއްޓުން ވެސް އެހީ ބަދަލުކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ ބިލުގައިވާގޮތުން އެ ގާނޫނު ދުނިޔޭގެ ހުރިހާ ގައުމަކަށް ހިނގާނެ އެވެ. އަދި އެ ގާނޫނުގެ ދަށުން ފޯރުކޮށްދޭ އެއީއަށް ބޭރުގައުމުތަކުގައި ރާއްޖޭގެ ފަރާތުން އެދޭނީ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް ކަމަށް އެ ބިލްގައިވެ އެވެ.

އެ ބިލުގައިވާ ގޮތުން މަރުގެ ހުކުމްގެ މައްސަލަތަކުގައި ނިސްބަތްވާ މައްސަލާއިގެ ހާއްސަ ހާލަތްތަކަށް ރިއާއަތްކޮށް އެ އެހީ އަކީ ކޮންމެހެން ފޯރުކޮށްދެވޭނެ އެހީއެއް ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި މެނުވީ، އެ ހުށަހެޅުން ބަލާގަނެވިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ބޭރު ގައުމެއްގައިވާ މީހަކު އެހެން ބޭރު ގައުމެއްގައު ހިނގާ ޝަރީއަތެއްގައި ހެކި ދިނުމަށް ރާއްޖޭގައި ޓްރާންޒިޓް ކުރުމަށް ބޭރު ގައުމަކުން އެދޭނަމަ ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުއްދައެއް ދެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ޖިނާއީ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް ދައުކަތަށް ނެގުމަށް ރާއްޖޭ ކޯޓުން އަމުރު ކޮށްފިނަމަ އެ މުދާ ހުރީ ބޭރު ގައުމެއްގައި ވާނަމަ އެކަންތައް ހަމަޖައްސައި ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އަށް އެދެވިދާނެ ކަމަށް އެ ބިލިގައި ބުނެފައިވެ އެވެ.

ބޭރު ގައުމެއްގައި ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދާފައިވާ މުދަލަކަށް ވާނަމަ އަދި އެ ނެގުމަށް އެގައުމެއްގެ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކޮށްފައިވާ ނަމަ އެ އަމުރު ތަންފީޒު ކުރުމަށް ރާއްޖެ އިން ކުރަން ޖެހޭ ކަންތައް ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.

އެ ބިލަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅުނު ބިލެކެވެ. އޭރު ވެސް މި ބިލު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުންނެވެ. މި ބިލު 17 ވަނަ މަޖިލީހަށް ހުށަހަޅާފައި ވަނީ ކުރީގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދު އެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލެއް ސަރުކާރުން ހުށަހަޅާފައިވާ އިރު، ބައިނަލްއަގުވާމީ ފެންވަރުގައި ދުރާލައި ރޭވިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތައް ހުއްޓުވުމަށް ޓަކައި އެފަދަ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް އދ. އިން އެކުލަވާލައިވާ ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސްގައި ރާއްޖެ އިން ވަނީ މިދިޔަ އަހަރު ސޮއިކޮށްފަ އެވެ.