އިޓަލީ ލީގުގެ ކްލަބެއް ކަމަށްވާ ކަލިއާރީގެ ކޯޗަކަށް އިނގިރޭސި ލީގުގެ ވެސްޓްހޭމްގެ ކުރީގެ ކޯޗު ޖިއާންފްރެންކޯ ޒޯލާ ހަމަޖައްސައިފި އެވެ.

އުމުރުން 48 އަހަރުގެ ޒޯލާ ކަލިއާރީގެ ކޯޗަކަށް ހަމަޖެއްސިކަން އެ ކްލަބުން އިއުލާނުކޮށްފައި މިވަނީ، މިސީޒަންގައި ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވުމުގެ ސަބަބުން އެޓީމުގެ ކޯޗަކަށް ހުރި ޒެނެކް ޒީމަން މިހަފްތާ ތެރޭ ކޯޗުކަމުން ވަކިކުރުމަށްފަހު އެވެ.

ކަލިއާރީގައި ފުޓްބޯޅަ ކެރިއަރު ނިންމާލި ޒޯލާ، 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވޮޓަފޯޑަށް ކޯޗުކަން ކޮށްދިންފަހުން އިތުރު ޓީމަކާ ހަވާލުވެފައެއް ނުވެއެވެ. ވޮޓްފޯޑްގެ ކޯޗް ކަމާ ޒޯލާ ހަވާޅުވީ، 2012 ވަނަ އަހަރު އެވެ.

އިނގިރޭސި ކްލަބް ޗެލްސީގެ ފޯވާޑެއްގެ ގޮތުގައި ހަތް އަހަރު ހޭދަކުރި ޒޯލާ އޭނާގެ ކޯޗިން ކެރިއަރު ފެށީ ވެސްޓްހޭމްގައެވެ. އެހެން ނަމަވެސް ދެ އަހަރު ދުވަހު އެޓީމުގެ ކޯޗު ކަން ކުރިފަހުން 2010 ވަނަ އަހަރު ވެސްޓްހޭމް ވަނީ އެޓީމުގެ ކޯޗުކަމުން ޒޯލާ ބޭރުކޮށްފައެވެ.

ޒޯލާގެ އިރުޝާދުގެ ދަށުން ކަލިއާރީ އަންނަ އާދީއްތަ ދުވަހު ފަރިތަކުރުންތައް ފަށާން ހަމަޖެހިފައިވާ އިރު، އޭނާގެ ކޯޗު ކަމުގައި އެޓީމު ކުޅޭ ފުރަތަމަ މެޗުގައި ޖެނުއަރީ 6 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ޕަލެމޯއާ ދެކޮޅަށެވެ.

މި ސީޒަންގައި ކަލިއާރީ މިހާތަނަށް ކުޅުނު 16 ލީގު މެޗުގެ ތެރެއިން އެޓީމު މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. އަދި ހަމެޗުން އެއްވަރުވެ ޖުމުލަ 12 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލުގެ 18 ވަނައިގައެވެ.