ބަންޑާރަ ގޯއްޗާއި ބަންޑާރަ ގޯތީގައި ހަދާފައި ހުންނަ އިމާރާތްތައް 50 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް ބިމާ ބެހޭ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ކޮމިޓީ އިން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލު ފާސްކުރަން ފެންނަ ކަމަށް 58 މެމްބަރުން ވަނީ ވޯޓު ދެއްވާފައި އެވެ. ނުފެންނަ ކަމަށް ތިން މެމްބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތަކުން ބައެއް ދިރިއުޅުން ނޫން ބޭނުމަކަށް ކުއްޔަށް ދެވޭނީ އެންމެ ގިނަަ ވެގެން 50 އަހަރަށް ކަމަށެވެ.

ގާނޫނު ބުނާ ގޮތުން މިނިސްޓްރީއެއްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ބިމެއްގައި އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ވިއްކާ ނަމަ އެ ބިން ނުވަތަ އިމާރާތް ވިއްކާ އަގުގެ 15 ޕަސެންޓު ޓެކްސްގެ ގޮތުގައި އެ ބިން ނުވަތަ އިމާރާތް ވިއްކާ ފަރާތުން ދައުލަތަށް ދައްކަންޖެހޭނެ ކަމަށެވެ.

ބިމާއި ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ އިގްތިސާދީ ބޭނުމަށް އެކަށައަޅައި، މިނިސްޓްރީތަކަށް ހަވާލުކުރާ ބިންތައް ބިމާއި ބެހޭ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި އުސޫލުން މުއާމަލާތް ކުރެވޭނެ ކަމަށެވެ.

ބިމާބެހޭ ގާނޫނު ފުރަތަމަ ފަހަރަށް އެކުލަވާލީ 2002 ވަނަ އަހަރުއެވެ. އެއީ ބަންޑާރަ ގޯތި 15 އަހަރަށް ކުއްޔަށް ދެވޭ ގޮތަށެވެ. އޭގެ ފަހުން 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ އެ މުއްދަތު 35 އަހަރަށް އިތުރުކޮށްފަ އެވެ.