މިސްރުގެ 30 އަހަރުވީ ވެރިކަމާ ދެކޮޅަށް އެގައުމުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ބޮޑުވެ، އާއްމުންނަށް ނުރައްކާވާ ހިސާބަށް ކަންތައް ގޯސްވެފައިވާތީ، އެގައުމުގައި ކިޔަވަން ތިބި 104 ދިވެހި ދަރިވަރަކު ސަރުކާރުން މިއަދު މާލެ ގެނެސްފި އެވެ.

މިސްރުގައި ކިޔަވާ ދިވެހި 104 ކުއްޖަކު މިއަދު ރާއްޖެ އައީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރަމުންދާ އިންޑިއާގެ ޖީއެމްއާރު ކުންފުނިން ޗާޓަރު ކުރި ފްލައިޓެއްގަ އެވެ. މިއަދު ހަވީރު 4:15 ގައި އެކުދިން ރާއްޖެ އައިއިރު އެކުދިންގެ އާއިލާތަކާއި ގާތް ރަހުމަތްތެރިން އެކުދިންނަށް މަރުހަބާ ކިޔުމަށް މާފަތިތަކާއެކު މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ޖަމާވެފައި ތިއްބެވެ.

މިހާރު މިސްރުގައި ކުރަމުން ގެންދާ މުޒާހަރާތަކުގެ ނާމާން ކަމުން ސަލާމަތްވެ އަމިއްލަ ގައުމަށް އާދެވުމުން ތިބީ ވަރަށް އުފަލުން ކަމަށް އެކުދިން ބުންޏެވެ.

"އެކޮޅުގަ ނުވެސް ނިދޭ. އަޑުގަދަވެގެން ގިނަ ފަހަރަށް ހޭލާ ހުންނަނީ. މިހާރު ވަރަށް ހިތްހަމަޖެހިފަ މިހުރީ،" މިސްރުގައި މެޑިސިންގެ ދާއިރާއިން ކިޔަވަމުންދިޔަ ފާތުން ހިނިތުންވެފައި ހުރެ ބުންޏެވެ.

މިސްރުގައި ކިޔަވަން އުޅޭތާ ހަތަރު އަހަރުވެފައިވާ ޝަރީއާ އެންޑް ލޯގެ ދަރިވަރެއް ކަމުގައިވާ އަބުދުއް ސަލާމް މިއަދު ބުނީ، މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހާހުން ހާހުން މީހުން ދިޔައީ ތަހުރީރު މައިދާނަށް ޖަމާވަމުން ކަމަށެވެ. ސަލާމް ބުނި ގޮތުގައި، އޭނާ ދިރިއުޅެމުންދިޔައީ އެ ސަރަހައްދާ ވަރަށް ކައިރީގަ އެވެ. އެހެންކަމުން، އެކަމާ ވަރަށް ބިރުގަތް ކަމަށް އޭނާ ބުންޏެވެ.

"ގިނަ ކުދިން ތިބެނީ ނުވެސް ނިދައި. އެއީ ]ތަޅާފޮޅުމުގެ އަޑު[ ގެޔަށް އަޑުއިވޭ އިރުއިރު ކޮޅުން،" އޭނާ ބުންޏެވެ.
ސަލާމް ބުނީ މިސްރުގެ ގިނަ ފިހާރަތަކެއް މިހާރު ބަންދު ކޮށްފައި ވާކަމަށާއި އެޓީއެމް ތައްވެސް ވަނީ ހަލާކުކޮށްލާފައި ކަމަށެވެ. "ހުރިހާ އޭޓީއެމް ތަކެއްވެސް މިހާރު ހުރީ ބަންދުކޮށްފަ. ބެންކުތައްވެސް ބަންދު. ފިހާރައެއް ނުހުޅުވަ. ލަސްވިނަމަ ކާއެއްޗިއްސައް ޖެހޭނެ،" ސަލާމް ބުންޏެވެ.

ދިވެހި ކުދިންނަށް މަރުހަބާ ކިޔުމަށް ގޮސްހުރި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަހުމަދު ނަސީމް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެކުދިން ރާއްޖެ ގެނައުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަކަށްވެސް ޝުކުރު އަދާކުރައްވައި ކަމަށާއި މިސްރުގެ މަސްރަހު ފިނިވުމުން އެކުދިން އެނބުރާ ފޮނުވާލާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ސައުދީ އެމްބަސީއަށް. އަދި އިންޑިޔާ ސަރުކާރަށްވެސް. އަދި ހާއްސަގޮތެއްގަ ޖީއެމްއާރު ކުންފުންޏަށް އެކުދިން ރާއްޖެ ގެނައުމުގައި ވެދެއްވި އެހީތެރިކަމަށް. މަސްރަހު ފިނިވިހާ އަވަހަކަށް އަޅުގަނޑުމެން އެކެދިން އެނބުރި ކިޔެވުމަށް ފޮނުވާ ލެވޭތޯ މަސައްކަތް ކުރާނަން،" ނަސީމް ވިދާޅުވި އެވެ.

މިދުވަސްވަރަކީ މިސްރުގެ ކޮލެޖުތަކަށް ޗުއްޓީ ދުވަސްކޮޅެވެ. އެހެންވެ އެންމެ ކުއްޖެ ފިޔަވައި ހުރިހާ ކުދިންވެސް މާލެ އައީ ކުރިއަށް އޮތް ސެމިސްޓާއަށް ފައިސާވެސް ދެއްކުމަށްފަހުގަ އެވެ. އެކޮޅުގައި އަދިވެސް ދިވެހި ދަރިވަރަކު އެބަހުއްޓެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އެ ދަރިވަރު މާލެ ނައިސް މިސްރުގައި މަޑުކުރީ އޭނާގެ ކިޔެވުމުގެ ފަހު ސެމިސްޓާ ކުރިއަށްދާތީ، ކިޔެވުން މެދުކަނޑާލައިފަ އަންނަން ބޭނުން ނުވާތީ އެވެ.