އިނގިރޭސި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް އަދި ލީގު ކަޕް ވެސް މިސީޒަންގައި ޗެލްސީއަށް ކާމިޔާބު ކުރެވިދާނެ ކަމަށް އެޓީމުގެ ސާބިއަން މިޑްފީލްޑަރު ނަމެންޔާ މަޓިޗް ބުނެފިއެވެ.

އެއް ސީޒަނެއްގައި މި ހަތަރު މުބާރާތް އެއްވެސް ޓީމަކަށް މިހާތަނަށް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ދެވަނަ ފަހަރަށް ޗެލްސީއާ ގުޅުނު މަޓިޗް ބުނީ، އެ ހަތަރު މުބާރާތްވެސް މި ސީޒަންގައި ކާމިޔާބުކުރުމުގެ ފެންވަރު ޗެލްސީގެ މިހާރުގެ ސްކޮޑްގައި އެބަ ހުރި ކަމަށެވެ.

"އަރެން ނުބުނާނަން އަހަރެމެން ކާމިޔާބު ކުރާނަމެކޭ، އެކަމަކު އަހަރެމެން މަސައްކަތް ކުރާނަން. އަހަރެމެންގެ އެ ފެންވަރު އެބަހުރި. އަހަރެންނަށް ޔަގީންކަން އެބައޮތް، މި ޓީމާއި ޓީމުގެ ކުޅުންތެރީންނާ މެދު. އެހެންކަމުން ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވިދާނެ،" ޕޯޗްގަލްގެ ބެންފިކާއިން މިއަހަރުގެ ޖެނުއަރީގައި 21 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު މަޓިޗް ބުންޏެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީ އެފްއޭ ކަޕްގައި އަދި މިހާތަނަށް މެޗެއް ކުޅެފައި ނުވި ނަމަވެސް އެޓީމު ވަނީ، މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދައި، ލީގް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.

ހަތަރު މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ޗެލްސީއަށް އޮތް ކަމަށް މަޓިޗް ގަބޫލުކުރި ނަމަވެސް އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ގަބޫލުކުރާގޮތުގައި އެއީ ވުން އެކަށީގެންވާ ކަމެއް ނޫނެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ މާދަމާ ނުކުންނާނީ ވެސްޓްހެމްއާ ދެކޮޅަށެވެ. ލީގު ކަޕްގެ ސެމީ ފައިނަލްގައި ލިވަޕޫލާ ވާދަކުރާން ޖެހޭއިރު، އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެޓީމާ ވާދަކުރާނީ ޗެމްޕިއަންޝިޕް ޓީމެއް ކަމަށްވާ ވޮޓްފޯޑް އެވެ. އަދި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރު ޗެލްސީ ކުޅެން ޖެހޭނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ.