25 Dec 2014, 12:53
މީގެ 10 އަހަރުކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާގެ ކައިރިން ކަނޑުގެ އަޑިއަށް އައި ބިންހެލުމަށް ފަހު ބާރުގަދަ ސުނާމީއެއް އެރި އެވެ. އެ ހާދިސާގައި ދުނިޔޭގެ އެކި ގައުމުތަކުން 200000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އިންޑޮނޭޝިއާގެ ބަންދަރު އަޗޭގައި ދެ ގެއެއްގެ މައްޗަށް އުރުނު ގޮތަށް ނުނަގައި، ގޮތުގައި ބަހައްޓާފައި 25 މީޓަރުގެ މަސް ބޯޓަކީ އެ ބިރުވެރި ހާދިސާގެ ހަނދާނީ ރަމްޒުތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެއްޗެކެވެ. އެބޯޓު އެތަނަށް އުރުމުން 59 މީހަކު އެއަށް އަރައި ފުރާނަ ސަލާމަތް ކުރީތީ އެވެ.
"ބަސަރިއްޔާ" އާއިލާގެ ހަމީހުން ހިމެނެނީ އެބޯޓަށް އަރައި ސަލާމަތްވީ މީހުންގެ ތެރޭގަ އެވެ.
"އެ ބޯޓު ފުރާޅު މައްޗަށް ނުލެއްގި ނަމަ އަހަރެމެން އެންމެން މަރުވެގެންދާނެ. ސަބަބަކީ އަހަރެމެންގެ ތެރެއިން ފަތަން ދަންނަ އެކަކު ވެސް ނެތް." އަންހެން ވިޔަފާރިވެރިއެއް ކަމުގައިވާ ފައުޒިއްޔާ ބަސަރިއްޔާ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އެ ބިރުވެރި ދުވަހުގެ ހަނދާންތައް އާވެފައި އަދިވެސް ފައުޒިއްޔާގެ ލޮލުން ކަރުނަ އާދެ އެވެ. "ސުނާމީގެ ރާޅުތައް އަރައިގެން އައި ވަގުތު ފުރަތަމަ އިވުނީ މީހުންގެ ހަޅޭކުގެ އަޑުފަށްގަނޑު. އަދި އެއަށް ފަހު ފެނުނީ ލޮނުފެންގަނޑު އައިސް ވަދެގަތް ތަން." ފައުޒިއްޔާ އިތުރަށް ބުނެފައިވެ އެވެ.
އެދުވަހު ކުރިމަތިވެގެން ދިޔައީ މުޅިން އައު ކަންްތައްތަކަކަށްވާ އިރު ފައުޒިއްޔާއަށް އެދުވަހު އެ މަންޒަރުތައް ސިފަވެގެންދިޔައީ ބޮޑު އިމްތިހާނެއްގެ ގޮތުގަ އެވެ. އެވަގުތު ފައުޒިއްޔާގެ ފިރިމީހާވީ ވިޔަފާރިކުރުމަށް ޓަކައި ސައިކަލުގައި ބޭރަށް ގޮހެވެ. އަދި ފަސްކުދިންނާއި އެކު ގޭގައި ހުރީ ފައުޒިއްޔާ އެކަންޏެވެ. ގޭގެތެރެއަށް ލޮނުގަނޑު ވަންނަން ފެށުމުން ފައުޒިއްޔާ ބެލީ އަވަހަށް ކުދިންގޮވައިގެން އެންމެ އުސްތަނަކަށް އަރައި ސަލާމަތްތެރިކަން ހޯދާށެވެ.
މި ބިންހެލުމުގެ ސަބަބުން އެ މަގުގައި ހުރި ގިނަ އަދަދެއްގެ ގެތަށް ބިމާ ހަމެވެފައިވާއިރު މި ހަ މެމްބަރުންގެ އާއިލާއަށް ސަލާމަތްްތެރިކަން ލިބުނީ އެތަނުގައި ހުރި ދެބުރީގެ އިމާރާތަކުންނެވެ. ފައުޒިއްޔާ ފަސްކުދިން ގޮވައިގެން ގޮސް އެގޭގެ ދެވަނަ ބުރިއަށް އެރިނަމަވެސް އިރުކޮޅެއްގެ ތެރޭގައި އެމީހުންގެ ކަރާއި ހަމައަށް ލޮނުގަނޑު އަރައިގެންދިޔަ އެވެ. ފައުޒިއްޔާ ބުނެފައިވާ ގޮތުން ފުރަތަމައަށް އެރީ ވަރަށް ކަޅުކަން ގަދަ ރާޅެކެވެ. އަދި ދެވަނައަށް އެރި ރާޅާއިއެކު އެމީހުން އެގޭތެރޭގައި ބަންދުވި އެވެ.

އެއަށް ފަހު ފައުޒިއްޔާއަށް ދެން ފެނިގެންދިޔައީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ކުޑަދޮރުގެ ބިއްލޫރިތަކުން ފެނުނީ ބޮޑު ބޯޓެއް އައިސް ފުރާޅު މައްޗަށް ލެއްގިތަނެވެ. އަދި މިއާ އެކު ފައުޒިއްޔާގެ 14 އަހަރުގެ ކުޑަ ފިރިހެން ދަރިފުޅު ސީލިންގުން ބާގަނޑެއް ހެދުމަށް ފަހު ބޯޓުގެ ތެރެއަށް އާއިލާގެ ހުރިހާ މެމްބަރުންނާއި އެކު އެރިއެވެ. ބޯޓަށް އަރައި ސަލާމަތްތެރިކަން ލިބުމަށް ފަހު ފައުޒިއްޔާ މާތްﷲގެ ހަޟްރަތަށް ދުޢާ ދެންނެވުމުގައި ވަގުތުތައް ހޭދަކުރި އެވެ.
އެއީ މީގެ ދިހަ އަހަރުކުރީގެ ހަނދާންތަކެކެވެ. އެހެންނަމަވެސް މިއަދުވެސް އެވާހަކަތައް ކިޔައިދޭއިރު ފައުޒިއްޔާގެ ހިތަށް ކުރުވާ އަސަރުތަކުން ހީވަނީ އެއީ ހަމަ އިއްޔެ ދިމާވި ކާރިޘާއެއް ހެންނެވެ.
މި ހިތާމަވެރި ހާދިޘާގައި ގެތޮރުތައް ސުންނާފަތިވުމުގެ ސަބަބުން ފައުޒިއްޔާގެ އާއިލާއަށް ވެސް މަޖުބޫރުވީ އެހެން ތަނަކަށް ހިޖުރަކުރުމަށެވެ. އެދުވަހު ގެއިން ބޭރަށް ދިޔަ އޭނާގެ ފިރިމީހާގެ ޚަބަރެއް އޭގެ ފަހުން ވެފައި ނުވާއިރު އެކަނިވެރި މައެއްގެ ގޮތުގައި ހުރެ ފަސްކުދިން ބެލުމުގެ ޒިންމާ އުފުލަމުން ގެންދަނީ ފައުޒިއްޔާ އެކަންޏެވެ. އަމިއްލަ ވިޔަފާރިއެއް ކުރިޔަށް ގެންދާއިރު މިހާރު ވެސް ފައުޒިއްޔާ، އޭނާ ކުރިން ދިރިއުޅެމުން އައި ލަމްޕޫލޯ އަވަށަށް ޒިޔާރަތްކުރެ އެވެ.
ލަމްޕޫލޯ އަވަށް މިހާރު ޓުއަރިސްޓުންގެ މަންޒިލަކަށް ވެފައިވާއިރު މީހުންގެ ލޮލުގައި އެންމެ އަޅައިގަންނަ އެއް މަންޒަރަކީ ގެއެއްގެ މައްޗަށް ލައްގާފައި ހުރި ބޯޓެވެ. އަދި މި ބޯޓަކީ ފައުޒިއްޔާގެ އާއިލާގެ ހަ މެމްބަރުން ސަލާމަތްވުމަށް ލެއްވި ރަހުމަތެއްވެސް މެއެވެ.
މައުލޫމާތު: ބީބީސީ