25 Dec 2014, 12:34
މިދަނޑިވަޅަކީ ރާއްޖެއަށް އިންވެސްޓު ކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ޢަބުދުﷲ ބިން ޢަބުދުލް ޢަޒީރު އަލް ސައުދުގެ އެދިވަޑައިގަތުމަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކުގެ މައުލޫމާތު ދިނުމަށް މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ވަނީ ގާއިމް ކުރެވިފައި ކަމަށާއި މިއީ ރާއްޖޭގައި އިންވެސްޓް ކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.
"މިހާރަށް ވުރެ ރަނގަޅު ވަގުތެއް ނާންނާނެ ރާއްޖޭގައި އިސްވެޓްކުރާކަށް" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އިގްތިސާދު ފުޅާކޮށް ކުރިއަރުވަން ކަމަށާއި ކުރިއަށް އޮތް އަހަރުތަކަށް އިގްތިސާދު ލަފާކުރެވޭ ގޮތުގައި ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރާ މިންވަރުކަމުގައިވާ 1.2 މިލިއަންނަށް ވުރެ ޓޫރިސްޓުން އަންނަ މިންވަރު އިތުރުކުރެވޭނެ ކަމަށެވެ. ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފޮރިން އެކްސްޗޭޖް ނުވަތަ ބޭރު ފައިސާގެ ދަތިކަން ހަމަޔަކަށް އެޅުވިފައިވާ އިރު މެކްރޯ އިކޮނޮމިކް ހާލަތު އާންމު ގޮތެއްގައި ވަނީ ރަނގަޅުކުރެވިފައި ކަމަށް ވިދާޅުވި އެވެ. އަދި މިއަހަރު ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 8.8 ޕަސެންޓް ކަމަށާއި އަންނަ އަހަރު 10 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
އިސްލާމިކް ފައިނޭންސް ވަރުގަދަ ކުރުމަށް ރާއްޖެއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށާއި "މުސްލިމް އަހުންނާއި އުހުތުންނަށް އަޅުގަނޑުމެންގެ ދޮރުތައް އަބަދުވެސް ވަނީ ހުޅުވާލެވިފައި" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ މުސްލިމުން މަސައްކަތް ކުރަނީ ސުވަރުގެއަށް ދާން ކަމަށާއި ދުނިޔެ މަތީގެ ސުވަރުގޭގެ ގޮތުގައި މަޝްހޫރު ވެފައިވާ ރާއްޖޭގައި އިންވެސްޓުކުރަން އެދޭ ކަމަށެވެ.
"ރާއްޖެއަކީ ސައުތު އޭޝިއާގައި އޮތް ޓޫރިސްޓް ޑެސްޓިނޭޝަންގެ ތެރެއިން އެންމެ ހިތްގައިމު މަންޒިލް" ކަމަށާއި ސުޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުން ރާއްޖެ އަށް އިންވެސްޓް ކުރުމަށް ދޮރުތައް ހުޅުވާލެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާއަކީ އިގްތިސާދު ދެމެހެއްޓެނިވި ގޮތަކަށް އެކަށައެޅިފައިވާ އެޖެންޑާއެއް ކަމަށާއި ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ހުރިހާ އިންވެސްޓަރުންނަށް ވަނީ ފުރުސަތު ހުޅުވާލެވިފައި ކަމަށެވެ.
ރާއްޖޭގައި ވަނީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ކަމަށާއި ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކަށް ބަލާ އިރު ކުރާ އިންވެސްޓުމަންޓުގެ ރިޓާން އަށް 79 ޕަސެންޓް ލިބޭ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ޝަރީއާ ގަބޫލްކުރާ އުސޫލްތައް ވަނީ ގާއިމް ކުރެވިފައި ކަމަށާއި ސުޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ފާސްވެފައިވާ އިރު އެއީ އިސްވެސްޓުމަންޓުތަކަށް ހުޅުވާލި ދޮރެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ގާނޫނުތަކަށް ބަދަލު އަންނާނެ ކަމަށް ވިދާޅުވި އެވެ.