ސޯޝަލް މީޑިއާ ފޭސްބުކްގައި އަސްލު އުމުރު ނުލިޔެވިގެން ފޭސްބުކް އަށް ސިޓީ ފޮނުވި އެމެރިކާގެ އަންހެން މީހާ މިދިޔަ އާއްދީއްތަ ދުވަހު މަރުވެއްޖެ އެވެ.

ނިދާފައި އޮއްވައި މަރުވި އިރު އޭނާގެ އުމުރަކީ 114 އަހަރެވެ.

އާނާ ސްޓޮއެއާ ނަމަކަށް ކިޔާ އެމެރިކާގެ އެ އަންހެން މީހާ ފޭސްބުކް އެކައުންޓެއް ހުޅުވަން ބޭނުންވި އިރު އޭނާއަށްވީ އަދި އެންމެ 113 އަހަރެވެ. ނަމަވެސް ފޭސްބުކްގައި އުފަންވީ އަހަރުގެ ގޮތުގައި ލިޔެވެން އޮތް އެންމެ ދުރު އަހަރަކީ 1905 ކަމަށް ވުމުން އޭނާ އަށް ޖެހުނީ އުމުރު އޮޅުވާލައި، ފަސް އަހަރު ޒުވާންކަމަށް ބުނާށެވެ.

އާނާ އަށް ފޭސްބުކްގައި އޭނާގެ އަސްލު އުމުރު ނުލިޔެވުމުން އެކަން ހައްލުކޮށްދިނުން އެދި އޭނާގެ ދަރިފުޅު ރަމިރޭޒާ ފޭސްބުކް އަށް މެއިލްތަކެއް ފޮނުވައިގެން ވީ ބޭކާރެވެ. އޭނާ އަށް ލިބުނީ އޮޓަމޭޓެޑް މެސެޖްތަކެވެ. އެންމެ ފަހުން އާނާ އޭނާގެ ދަރިފުޅު ކައިރީ ބުނީ ފޭސްބުކް އަށް އަސްލު ސިޓީއެއް ލިޔެ ފޮނުވުމަށެވެ. "އެމީހުން ގާތު ބުނޭ އަހަރެން އަދިވެސް މިތާ އެބަ އިނޭ" ސިޓީ ލިއުމަށް އިރުޝާދު ދިނުމަށް ފަހު އާނާ އޭނާގެ ދަރިފުޅު ކައިރީ ބުނިކަމަށް ނޫސްތަކުގައިވެ އެވެ.

އާނާ ފޭސްބުކް އަށް ސިޓީ ފޮނުވި ވާހަކަ ނޫސްތަކުގެ ސުރުހީތަކަށް އަރައި މަޝްހޫރުވުމުން ފޭސްބުކް އިން ވަނީ އޭނާއަށް ހަދިޔާއެއް ދީފަ އެވެ. އެގޮތުން އެކުންފުނިން ވަނީ އާނާގެ 114 ވަނަ އުފަން ދުވަހު އޭނާއަށް 114 މާ ފޮނުވައިފަ އެވެ.

އާނާގެ ދަރިފުޅު ރަމިރޭޒާ ބުނިކަމަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގައި ވަނީ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް އާނާގެ ވިސްނުން ކޮށި ނުވާ ކަމަށެވެ. އެ އުމުރުގައި އައު ޓެކްނޮލޮޖީއެއް ބޭނުންކުރަން ފެށުމަކީ އާދަޔާ ހިލާފު ތޫނުފިލިކަމެއް ކަމަށް ދިރާސާ ކުރާ ޖަމާއަތެއް ކަމަށްވާ ދަ ގޮރޮންޓޮލޮޖީ ރިސާޗް ގްރޫޕުން ބުނެފައިވެ އެވެ.