25 Dec 2014, 11:52
ހޮންގް ކޮންގުގައި ފައިސާ އެއްތަނުން އަނެއް ތަނަށް އުފުލި އުޅަނދެއްގެ ފަހަތު ދޮރު ހުޅުވި، އެ އުޅަނދު ދަތުރުކުރަމުން ދިޔަ މަގުމައްޗަށް 4.5 މިލިއަން ޔޫއެސް ޑޮލަރަށް އަގުކުރެވޭ ހޮންގް ކޮންގް ޑޮލަރުގެ "ވާރޭ ވެހިއްޖެ" އެވެ.
ރޭގައި ހިނގި އެ ހާދިސާގައި މަގުމަތީގައި އެ މަންޒަރު ބަލަން ތިބި މީހުންތައް ބެލުމެއް ނެތި އެ ފައިސާތައް ހޮވަމުން ގޮސްފައިވެ އެވެ. ހޮންގް ކޮންގްގެ 35 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއްގެ ފައިސާ ވެހިކަލުން ބޭރުވެފައިވާއިވާ އިރު އެ އުޅަނދު ދަތުރު ކުރަމުންދިޔައީ 67 މިލިއަން ޔޫއެސް ޑޮލަރަށްވާ އަދަދުގެ ހޮންގް ކޮންގް ފައިސާ ހިފައިގެން ކަމަށް ފުލުހުން ބުނެ އެވެ.
މަންޒަރު ބަލަންތިބި މީހުންގެ އިތުރުން އެ މަގުން އުޅަނދުތަކުގައި ދުއްވާފައި ދިޔަ މީހުން ވެސް އެ ސަރަހައްދަށް ހުއްޓައި ފައިސާތައް ހޮވާފައިވެ އެވެ. އެއިން ކޮންމެ ނޫޓަކީ 65 ޔޫއެސް ޑޮލަރުގެ އަގު ޖެހޭނެ ފައިސާއެވެ.
ފައިސާ ހޮވާ މަންޒަރު ބަލަން ހުރި މީހަކު ބުނީ ކޮންމެ މީހަކު 20 އާއި 30ގެ އަދަދަކަށް ފައިސާގެ ނޫޓު ހޮވާފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޮވަން އުޅުނު އިރު އެ މީހުންތައް ހީވަނީ "ސްކޫލު ކުދިން"ތަކެއް ހެން ކަމަށެވެ.
"އެތަނުގައި އުޅުނު 20 އާއި 30 ދެމެދުގެ އަދަދަކަށް މީހުން. އެމީހުން ހަމަ ހީވަނީ ސްކޫލު ކުދިންތަކެއް ހެން. ހީވަނީ ގަވާއިދާ ހިލާފުކަމެއް ކުރަން އުޅެނިކޮށް އަތުލައިގަތް ހެން. އެކަކުވެސް ހުއްޓައެއް ނުލާ،" އޭނާ ބުންޏެވެ.
އެ މައްސަލައިގައި އޮތޯރިޓީ އިން އެ ފައިސާ އަނބުރާ ފުލުހުންނާ ހަވާލު ކުރުމަށް އަންގާފައިވި ނަމަވެސް އެއްވެސް ފަރާތަކުން އެ ފައިސާތަކެއް ހަވާލުކޮށްފައެއް ނުވެ އެވެ.