ސުނާމީ އިންޒާރުދޭ ނިޒާމް ޓެސްޓް ކުރުމަށް ސަރުކާރުގެ ގިނަ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ފަރިތަކުރުމެއް މިއަދު ބާއްވައިފި އެވެ.


ކޯސްޓްގާޑު ބިލްޑިންގްގައި މިއަދު ހެނދުނު ބޭއްވި ޑްރިލް ނޫނީ ފަރިތަކުރުން ފެށިގެން ދިޔައީ އިންޑޮނޭޝިއާގެ އައްސޭރިފަށަށް އައި ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރާއެކު އެވެ.

އެ އިންޒާރާ އެކު ސުނާމީއެއް އުފެދިދާނެ ކަމުގެ ފުރުސަތު ރާއްޖެ އަށް އޮތުމުން ރީދޫ އެލާޓެއް ވަނީ ނެރެފަ އެވެ. އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓި އެވެ. އޭގެ ފަހުން ސުނާމީއެއް އުފެދުނުކަން ޔަގީން ވުމުން ރަތް އިންޒާރުނެރުނެވެ.

އެއަށް ފަހު މަލްޓި އެމަޖެންސީ ކޯޑިނޭޝަންގެ މެންބަރުން އިމްޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ހާޒިރުވެ އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި އެވެ. ދެން އެ ސެންޓަރަށް ހާޒިރުވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމެވެ. އެއަށް ފަހު ދެން ކުރިއަށް ގެންދިޔައީ ރައްޔިތުންނަށް ދޭނެ އިރުޝާދުތައް ކަނޑައެޅުމެވެ. ސުނާމީ އިންޒާރާ އެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ހާޒިރުވެ ތިއްބެވީ، ދިވެހި ފުލުހުންގެ ފަރާތުންނާއި އެމްއެންޑީއެފާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ދިވެހި ރެޑްކުރެސެންޓެވެ.

އެހުރިހާ ފަރާތްތތަކުން ވަނީ ސަރުކާރުގެ އިދާރާތަކާއި ސިޓީ އަދި އަތޮޅު އަދި ރަށު ކައުންސިލްތަކަށް މައުލޫމާތު ހިއްސާކޮށް އެ ދަނޑިވަޅުގައި ކަން ކުރަންވީ ގޮތުގެ އިރުޝާދު ދީފަ އެވެ. މިއަދުގެ 10:00ގައި ވަނީ ސުނާމީގެ ނުރައްކަލެއް ރާއްޖެ އަށް ނެތުމުން ފެހި އެލާޓް ނެރި، އާންމު ހާލަތަށް ރުޖޫއަވީ ކަމަށް ނިންމައިފަ އެވެ.

މި ތަމްރީނު ޕްރޮގަރާމްގެ ސަބަބުން ސުނާމީ ނުވަތަ އެމަޖިންސީ ހާލަތުގައި ބޭނުން ކުރާ އާލާތްތަކަށް ދިމާވެފައިވާ މައްސަލަތަށް ދެނެގަނެ، އިސްލާހު ކުރަންވީ ކަންކަން ދެނެގަނެވުނު ކަަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖް މެންޓް ސެންޓަރުން ވަނީ ބުނެފަ އެވެ.

މާލޭގެ އިތުރުން އދ. ދަގެތީގައި ވެސް ވަނީ ކުއްލި ހާލަތުގައި މީހުން ތަމްރީނު ކުރުވުމަށް ހާއްސަ ޕްރޮގްރާމެއް ހިންގައިފަ އެވެ.