މިއަހަރު ފެށިގެން އައި އިރުވެސް ރާއްޖޭގެ ނެޓްބޯޅަ ހަޔާތަށް ވަނީ ނުރަނގަޅު އަސަރުތަކެއް ކުރާން ފަށައިފައެވެ. ރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަނަށް 2014 ވަނަ އަހަރު ވެފައި ވަނީ ބަދުނަސީބު އަހަރަކަށެވެ. ތުހުމަތުކުރެވޭ ގިނަ މައްސަލަތަކަކާ ގުޅިގެން މިއަހަރު ސަރުކާރުން އެ އެސޯސިއޭޝަނަށް ކަނޑައަޅާފައިވާ ބަޖެޓު ހިފެހެއްޓި އެވެ. އަދި އަހަރު ނިމިގެންދާއިރު އެ އެސޯސިއޭޝަން އޮތީ ވަންނާނެ އޮފީހެއްވެސް ނެތް ހާލުގައެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން މިއަހަރު ތެރޭގައި ގިނަ މުބާރާތްތަކެއް ބާއްވަން ރޭވި ނަމަވެސް ބޭއްވިފައި ވަނީ އެންމެ ތިން މުބާރާތެވެ. މުބާރާތްތަކުގެ އިތުރުން އެހެނިހެން ކަންކަން ރޭވި ނަމަވެސް އެއިން އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. އެސޯސިއޭޝަން ހިންގަން ތިއްބެވި ފަރާތްތަކުން އެސޯސިއޭޝަނަށް ދިމާވެފައިވާ ގިނަ މައްސަތަކުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ އިނގިލި ދިއްކުރަނީ، ނެޓްބޯޅައިގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ރާއްޖޭގެ ކުޅިވަރުތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތު މިނިސްޓްރީއާ ދިމާއަށެވެ.

"އަޅުގަނޑުމެން އަހަރުތެރޭ 12 މުބާރާތެއް ހިންގަން ރޭވިން. ނަމަވެސް މި އަހަރަށް ނެޓްބޯލް އެސޯސިއޭޝަނަށް ސަރުކާރުން ކަނޑައެޅި ބަޖެޓު އަދިއަދަށް ދާންދެންވެސް ނުލިބޭ. އެހެންކަމުން މުބާރާތްތައް ބާއްވަން ޖެހުނީ ވަރަށް ހާލުން. ނަމަވެސް އެކްސްކޯގެ މެންބަރުންގެ މަސައްކަތުން އަހަރުތެރޭ އިންޓަރ ސްކޫލް މުބާރާތާއި އޮފީސްތަކުގެ މުބާރާތުގެ އިތުރުން ގައުމީ މުބާރާތެއް ބޭއްވުނު. މިއަހަރުތެރޭ އަޅުގަނޑުމެން ވައިޑީޕީ ޕްރޮގްރާމެއްވެސް ބާއްވަން މަސައްކަތް ކުރިން. ނަމަވެސް އެ ޕްރޮގްރާމް ހުއްޓާލަން ޖެހުނީ ކޯޗުންނަށް މުސާރަ ދެވޭގޮތް ނުވުމުން،" ނެޓްބޯޅަ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ނެޓްބޯލް އެސޯސިއޭޝަންގެ ބެލުމުގެ ދަށުގައި އޮތް ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ނެޓްބޯޅަ ކޯޓު ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައީ އޮފީސް މުބާރާތުގެ ތެރޭގައި ކަމަށާއި، އެކަމުގެ ސަބަބުން އެ މުބާރާތް ހިންގުމަށްވެސް ދަތިތަކެއް ދިމާވި ކަމަށެވެ.

"އަޅުގަނޑުމެން ހިންގި އޮފީސްތަކުގެ މުބާރާތުގައި އެއް ރޭ ޝެޑިއުލްކޮށްފަ އޮތް މެޗެއް ކުޅެން ދިޔައިރު އެތާނގައި އެހެން ބަޔަކު ޕްރެކްޓިސް ކުރަން ތިބީ. އެކަމާ ސުވާލުކުރުމުން ބުނީ އެ ކޯޓު ސޯޝަލް ސެންޓަރުގެ ބެލުމުގެ ދަށަށް ބަދަލުކުރީއޭ. މުބާރާތް ކުރިއަށް ދަނިކޮށް އެފަދަ ކަމެއް ކުރިއާލައި އެންގުމެއް ނެތި ކުރުމުން އަޅުގަނޑުމެނަށް ވަރަށް ގިނަ ދަތިތަކެއް ދިމާވި. މީގެ އިތުރުން ކުޅެންދިޔަ ބައެއް ރޭރޭ އެތަނުގައި ކަރަންޓުގެ މައްސަލަ ދިމާވެފައި ވޭ. އެ މުބާރާތުގެ ފައިނަލް މެޗު ކުޅެން ދިޔަ ރޭވެސް އެތަނުން ކަރަންޓު ދިޔަ. އަދި މިހާރު ޕްރެކްޓިސް ކުރާނެ ކޯޓެއް ނެތުމުން އަޅުގަނޑުމެންގެ ގައުމީ ނެޓްބޯޅަ ޓީމަށްވެސް ވަނީ ޕްރެކްޓިސް ކުރާނެ ތަނެއް ނެތިފަައި،" ނެޓްބޯޅަ އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

ޝަކުވާތައް ނިމުނީކީ ނޫނެވެ. ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ނެޓްބޯޅަ އެސޯސިއޭޝަންގެ އޮފީހަށް ދިޔައިރު އޮފީސް ހުރީ ތަޅު އަޅުވާފައި ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީއަށް ގުޅުމުން ގަލޮޅު ދަނޑުގައި ހުންނަ އެ އިމާރާތް މަރާމާތައް ބަންދުކުރީ ކަމަށް މިނިސްޓްރީން އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް ކުރި މެއިލްގައި އޮތީ މަރާމާތަށް އެ އިމާރާތް އެއްކޮށް ބަންދުކުރިއްޔޭ. އެ މެއިލް ކޮށްފައި ވަނީ ބަންދުކުރި ދުވަހު. އަދި އެސޯސިއޭޝަންގެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނެ ތަނެއްވެސް އަޅުގަނޑުމެނަކަށް ކަނޑައަޅައިދީފައެއް ނެތް. މިއަހަރުތެރޭ އެސޯސިއޭޝަނުން ހިންގި ހުރިހާ ކަމެއްގެ ލިޔެކިޔުންތަކާއި އޮފީހުގެ ތައްގަނޑުތައްވެސް ހުރީ އެތާ. އޮފީސް ބަންދުކޮށްފައި ހުރުމުން އަޅުގަނޑުމެން ޔޫތު މިނިސްޓްރީއާ ގުޅިން. ނަމަވެސް އެކަމާއި ބެހޭ ގޮތުން އެދެވޭ ޖަވާބެއް ނުލިބުނު. މިދިޔަ ހަތް މަސްދުވަސްތެރޭ އަޅުގަނޑުމެން ޔޫތު މިނިސްޓްރީއަށް ފޮނުވި ސިޓީތަކުގެ ޖަވާބެއްވެސް އަޅުގަނޑުމެނަށް ލިބިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގައި ހުންނަ ޔޫތު އެކޮމޮޑޭޝަން ބްލޮކް: މި އިމާރާތް މިހާރު ވެނީ، މަރާމާތުކުރުމަށް ބަންދުކޮށްފައި -- ސަން ފައިލް ފޮޓޯ

އެހެން ނަމަވެސް ގަލޮޅު ދަނޑުގައި ހުންނަ ޔޫތު އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅު ކުރުމަށް ޑިސެމްބަރު މަހުގެ 15 އިން ފެށިގެން އެތަން ބަންދު ކުރުމަށް ނިންމާފައިވާ ކަން ޔޫތު މިނިސްޓްރީން ވަނީ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި އިއުލާނުކޮށްފައެވެ.

އެއީ ނެޓްބޯޅަ އެސޯސިއޭޝަންގެ ވާހަކަތަކެވެ. އެ އެސޯސިއޭޝަން ހިންގަވަން ހަވާލުވެ ތިއްބެވި ފަރާތްތަކުގެ ވާހަކަތައް މިފަދަ ގޮތަކަށް ނަމަވެސް، ޔޫތު މިނިސްޓްރީން ބުނީ ނެޓްބޯޅަ އެސޯސިއޭޝަނާ ގުޅޭ ހުރިހާ މައްސަލަތަކެއް ވެސް ކުރިއަށް ގެންދަނީ، އަދި ފިޔަވަޅުއަޅާފައި ވާނީ، އެ އެސޯސިއޭޝަނަށް އެކަން ދުރާލައި އެންގުމަށްފަހު ކަމަށެވެ.

"މިއަހަރު ސަރުކާރުން ނެޓްބޯޅަ އެސޯސިއޭޝަނަށް ކަނޑައެޅި ބަޖެޓު ހިފެއްޓީ މައްސަލަތަކެއް ނެތިއެއް ނޫން. އެ އެސޯސިއޭޝަނުން މީގެ ކުރިން ހިންގި ފައިސާގެ މުއާމަލާތްތަކާއި އިދާރީ ކަންކަމުގައި ވަނީ ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައި. އަދި އެކަންކަން މިހާރުވެސް ދަނީ ތަހުގީގު ކުރެވުމުން. އެކަން އޮންނާނީ އެ އެސޯސިއޭޝަނަށްވެސް އަންގާފައި،" ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަންގެ މައްސަލަތަކެއް ތަހުގީގު ކުރަމުން ދާ ކަމަށް އެ އެސޯސިއޭޝަނުންވެސް ވަނީ ޔަގީން ކޮށްދީފައެވެ. ނަމަވެސް އެއީ "ދޮގު ތުހުމަތުތަކެއްގެ މަތިން ރާއްޖޭގެ ނެޓްބޯޅައިގައި ހަރަކާތްތެރިވާ ބައެއް ފަރާތްތައް އެ އެސޯސިއޭޝަން ބަދުނާމުކުރުމުގެ ގޮތުން" ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އަދި މިއަހަރުތެރޭ އޭސީސީގެ ބޭފުޅުންވެސް އެ އެސޯސިއޭޝަންގެ އޮފީހަށް ވަޑައިގެން ކަމަށާއި، ނަމަވެސް އެ ތުހުމަތުތަކަށް ބާރު ލިބޭފަދަ އެއްވެސް ހެއްކެއް އަދި މިހާތަނަށް ދެއްކިފައި ނުވާ ކަމަށް އެ އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަންގެ އޮފީސް ބަންދުކުރިކަށް ބުނާ މައްސަލައިގައި ޔޫތު މިނސްޓްރީން ބުނީ، ނެޓްބޯޅަ އެސޯސިއޭޝަންގެ އޮފީސް ބަންދުކުރުމުގެ ކުރިން އެ އެސޯސިއޭޝަނަށް އަންގާފައި ވާނެ ކަމަށެވެ.

"ނެޓްބޯޅަ އެސޯސިއޭޝަންގެ އޮފީސް ހުންނަ ގަލޮޅު އެކޮމޮޑޭޝަން ބްލޮކް ބަންދުކުރަން ހަމަޖެއްސި ކަމަށް މިދިޔަ މަހު އަޅުގަނޑުމެން ވާނީ އިއުލާނު ކޮށްފައި. އެ މައުލޫމާތު މީޑިއާއާ ހިއްސާ ކުރި ދުވަހު އަޅުގަނޑުމެން ވާނީ އެތާނގައި ހުންނަ އެސޯސިއޭޝަން ތަކަށްވެސް އެ ނޯޓިސް ފޮނުވާފައި. ވަގުތުން ވަގުތައް ތަނެއް ހަމަޖައްސަ ދިނުމަކީ މިނިސްޓްރީއަށްވެސް މިވަގުތު ވަރަށް ދަތި ކަމެއް. ތަނުގެ މައްސަލަ މިވަގުތު ދިމާވެފައި ވަނީ ނެޓްބޯޅަ އެސޯސޮއޭޝަނަށް އެކަންޏެއްވެސް ނޫން. ޔޫތު މިނިސްޓްރީން މަސައްކަތްކުރަނީ ހަމަ ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެކަންކަމަށް ހައްލެއް ގެނެވޭތޯ،" ޔޫތު މިނިސްޓްރީން ބުންޏެވެ.

ނެޓްބޯޅަ ޕްރެކްޓިސް ކުރަން ތަނެއް ނެތްކަމަށް ބުނެ އެސޯސިއޭޝަނުން ދައްކާ ވާހަކަތަކާ ގުޅިގެން ޔޫތު މިނިސްޓްރީން ބުނީ، ނެޓްބޯލް އެސޯސިއޭޝަންގެ މުބާރާތްތައް ހިންގަމުން ދިޔަ ޒުވާނުންގެ މަރުކަޒުގެ ކޯޓު މިހާރު އޮންނާނީ އެ މަރުކަޒުގެ ބެލުމުގެ ދަށުގައި ކަމަށާއި، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރީބައިގައި އެދުމުން ނެޓްބޯޅަ އެސޯސިއޭޝަނަށްވެސް އެތަނުގައި ކަންކަން ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެސޯސިއޭޝަނާއި މިނިސްޓްރީއާ ދެމެދު މިފަދަ މައްސަލަތަކެއް ހުރިއިރު، ހަމަ ޔަގީނުންވެސް އެ މައްސަލަތަކަކީ އަވަސް ހައްލެއް ހޯދަންޖެހޭ މައްސަލަ ތަކެކެވެ. އެފަދަ މައްސަލަތަކެއް ޖެހި އެންމެ ފަހު ވަގުތު އެ ކުޅިވަރު ހުއްޓުމަކަށް އަންނަން ޖެހުމުން އޭގެ ދެރަ އެންމެ ބޮޑަށް ތަހައްމަލް ކުރަން ޖެހޭނީ ޔޫތު މިނިސްޓްރީއަށް، ނުވަތަ ނެޓްބޯޅަ އެސޯސިއޭޝަނަށް ނޫންކަން ގަބޫލު ކުރަން ޖެހެއެވެ. ހަގީގަތަކީ އާޚިރުގައި އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ނެޓްބޯޅަ ކުޅެން ލޯބިކުރާ، އެ ކުޅިވަރުން ކުރިއެރުންތަކެއް ހޯދަން ބޭނުންވާ ދިވެހި ނެޓްބޯޅަ ކުޅުންތެރިންނަށް ކަމެވެ.