މާލޭގެ ލޮނިޒިޔާރަތްކޮޅު ސަރަހައްދުގައި ހުންނަ ސުނާމީ ބިނާ މަރާމާތުކޮށް، އެތަނަށް އެރުމަށް އާ ފާލަމެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިންގް މިނިސްްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ސުނާމީ ބިނާ މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެ ބިނާ މަރާމާތުނުކޮށް ގިނަ އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާތީ އެ ބިނާ ހެދުމަށް ބޭނުންކޮށްފައިވާ އެސްއެސް ދަގަނޑުތަކުގައި ދަބަރުޖަހައިފައި ވާތީ ކަމަށެވެ.

"ބިނާ ހަދާފައި ހުރީ ސަތޭކަ ޕަސެންޓް އެސްއެސް ދަނގަޑު ބޭނުންކޮށްގެނެއް ނޫން، އެހެންވީމަ ޖެހޭނެ ދޭތެރެ ދޭތެރެއިން ޕޮލިސް ކުރަން. އެހެން ނޫނީ ލޮނުގައި ހުންނަންޔާ ދަބަރު ޖެހުން ފަސޭހަވާނެ، މިހާރު ކުރަމުން ގެންދާ މަސައްކަތަކީ އެ ދަގަނޑުތައް އޮފް ކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

ސުނާމީ ބިނާ މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ އަލީ ނަސީރު

ސުނާމީ ބިނާ އަޅާފައި ވަނީ މޫދުގައި ކަމުން، އެ ބިނާ އަށް އެރުމަށް ހަދާފައިވާ ދަގަނޑު ފާލަން ވަނީ ލޮނުގެ ސަބަބުން ދަބަރުޖަހައިގެން ހަލާކުވެފަ އެވެ. އެ ފާލަން ވެސް އަލުން އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް މާދަމާ އަށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުނާމީ ބިނާއަކީ ރާއްޖޭގެ އެކިއެކި ރަށްރަަށަށް 2004 ވަނަ އަހަރު ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާއާ އެ ކާރިސާގައި ނިޔާވެގެން ގޮސްފައިވާ ދިވެހިންގެ ހަނދާނުގައި އަޅާފައިވާ ބިނާއެކެވެ.