25 Dec 2014, 11:19
ސޫރިޔާގެ ވެރިކަން ގަދަބާރުން ދިފާއުކުރުމަށް ހަނގުރާމަކުރަމުން އަންނަ އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިން އެގައުމުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 53 މީހުން އިއްޔެ މަރާލައިފި އެވެ.
ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ޖަމާއަތެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް (ސޮހުރު) އިން ބުނީ އިރުމަތީގައިވާ ޣޫތާ ސަރަހައްދުގެ ޒަބްދިން ނަމަކަށް ކިޔާ ރަށުން ފައިބައިގެން ދިޔަ އާއްމުންގެ ބަޔަކަށް ހަމަލާދީ އޭގެ ތެރެއިން 11 މީހުން މަރައިލި ކަމަށެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭ ކަމަށް ވެސް އެޖަމާއަތުން ބުންޏެވެ.
މަރުވި މީހުންނަކީ އަސަދަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ ބައެއްގެ ތިމާގެ މީހުން ކަމަށް ވެސް ސޮހްރު ބުންޏެވެ.
އެޖަމާއަތުން އަދި ބުނީ އަސަދުގެ ވައިގެ ސިފައިން ރައްގާއަށް ބޮން އެޅުމުގެ ސަބަބުން 42 މީހުން މަރުވި ކަމަށާއި އޭގެ ތެރޭގައި ފަސް އަންހެނުންނާއި ހަ ކުޑަކުދިން ހިމެނޭ ކަމަށެވެ.
އަސަދުގެ ސިފައިން އިއްޔެ ހިންގި އެހެން ޖަރީމާތަކުގެ ތެރޭގައި ހަރާސްތާ ނަމަކަށް ކިޔާ ރަށަށް ކްލޮރިން ގޭހުގެ ހަމަލާއެއް ދިނުން ހިމެނެއެވެ. އެހަމަލާގައި ބަޔަކު ޒަހަމްވި އެވެ.
އަސަދުގެ ސިފައިންނާއި އޭނާ އަށް ތާއީދު ކުރާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން ސީރިޔާގައި ކޮންމެ ދުވަހަކު ވެސް އާއްމުން މަރަމުންދާ ކަމުގެ ރިޕޯޓްތައް ލިބެ އެވެ.