އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އިބްރާހިމް މުއްތަލިބު ހުށަހެޅުއްވި މައްސަލައަކީ ސިވިލް ކޯޓުން ބެލިދާނެ މައްސަލައެއްތޯ ކަނޑައަޅާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

ގާޒީ މުހައްމަދު ނައީމް މިގޮތަށް ނިންމެވީ މި މައްސަލައަކީ ސިވިލް ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނުމުންނެވެ. އެ ކޮމިޝަނުގެ ގާނޫނީ ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވީ މި މައްސަލައަކީ އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ނުބޭއްވުމަށް ކޮމިޝަނުގެ މައްޗަށް އަމުރު ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާއިރު މިހާރު އެ އިންތިހާބު ނުބޭއްވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި މިއީ އިންތިހާބަކާ ގުޅޭ މައްސަލައެއްކަމުން ގާނޫނު އަސާސީ ބުނާ ގޮތުން މިފަދަ މައްސަލަތައް ހުށަހަޅަން ޖެހޭނީ ފުރަތަމަ ވެސް ހައި ކޯޓަށް ކަމަށް ވަކީލު ވިދާޅުވި އެވެ.

އިލެކްޝަންސްގެ ވަކީލުންގެ ޓީމުންގެ ފަރާތުން ޝާހީން ހަމީދު ވިދާޅުވީ މި މައްސަލައިގައި އެދޭ ގޮތަށް ކަމަށް މުއްތަލިބު ވިދާޅުވެފައި ވަނީ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ކޮމިޝަނަށް އެންގުން ކަމަށެވެ. އެކަމަކު ކޯޓުން އެގޮތަށް އަމުރު ނުކުރި ނަމަވެސް މިހާރު ވެސް ފަހުން ވެސް އަދި އަބަދުވެސް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުންދާނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ޝާހީން ވިދާޅުވި އެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކޯޓުން ރިއާޔަތް ކުރަންޖެހޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ ޝަރީއަތުގައި އަމިއްލައަށް ވަކާލާތު ކުރައްވަމުން މުއްތަލިބު ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަންތައް ކުރަނީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އައްޑޫ ކައުންސިލް އިންތިހާބު ނުބޭއްވުމަށް އަމުރެއް ނެރެދިނުމަށް ވެސް މުއްތަލިބު އެދިވަޑައިގެންފައިވެ އެވެ. އެކަމަކު މުއްތަލިބު ވެސް ފަހުން ވިދާޅުވީ ވަގުތީ އަމުރުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ނައީމް ވިދާޅުވީ ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުން އެކަމާ މެދު ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.