25 Dec 2014, 11:08
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި 18 އަހަރަށް ޖަލަށްލާފައިވާ، މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ ވެރިޔާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ބޭސް ފަރުވާއަކަށް ލަންކާ އަށް ފޮނުވާލި މައްސަލާގައި ހަ މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕީޖީ އަށް ފޮނުވާފައިވާ މީހުންނަކީ ސަފާ ރާއްޖެ އިން ބޭރަށް ފޮނުވާލާ ފޯމްގައި ސޮއިކުރި އައިޖީއެމްއެޗުގެ ދެ ޑޮކްޓަރުންގެ ތެރެއިން ޕްރޮސްތެޓިސްޓް އެންޑް އޯތޯޓިސްޓް، ސީނިއާ އޮފިސަ ގްރޭޑް 2، އަބްދުﷲ ރާފިއު އާއި އޭރު ކަރެކްޝަނަލް ސާވިސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމާއި މެޑިކަލް ބޯޑުގެ ދެ މެމްބަރުން ކަމަށްވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. މުހައްމަދު ފަޒްނީން ލަތީފާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިސްހާގު އަހުމަދާއި ކުރީގެ ކޮމިޝަނާ އޮފް ޕްރިޒްންސް މޫސާ އާޒިމް އަދި މާލޭ ޖަލުގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ތައުފީގުގެ މައްޗަށް ކަމަށެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އައިޖީއެމްއެޗްގެ ޕްރޮސްތެޓިސްޓް އެންޑް އޯތޯޓިސްޓް، އަބްދުﷲ ރާފިއު ފޯމްގައި ސޮއިކޮށް ސަފާ ރާއްޖެރިން ބޭރަށް ފޮނުވުމުގެ ހުއްދަދީފައިވާއިރު، ސިއްހީ ފަރުވާގެ އާންމު އުސޫލުގައިވާގޮތުން އެފަދަ ހުއްދައެއް ދެވޭނީ ހަމައެކަނި ޑޮކްޓަރަކަށް ކަމަށް ބުނެފައިވާ ކަމަށެވެ.
"ޑޮކްޓަރެއްކަމަށް ނުވާހާލު އިތުބާރުހިފޭ މަގާމެއްގައި ހުރެ އަބްދުﷲ ރާފިއު އެފަދައިން އެންޑޯޒްމަންޓް ދީފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށްވާހިނދު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އއ. އުކުޅަސް، ރޭނިގެ، އަބްދުﷲ ރާފިއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް މި މައްސަލަ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ،" އޭސީސީގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ ސަފާގެ ފޯމްގައި ޑޮކްޓަރު ސޮއިކޮށްފައިވާ ތާރީޚަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަސް ކަމުގައި ވިޔަސް އެ ދުވަހު ސަފާ އެއްވެސް ބޭނުމެއްގައި މާފުށީ ޖަލުން ނެރެފައިނުވާކަން ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ފޯމު ފުރިހަމަ ކުރުމަކީ މެޑިކަލް ސެކްޝަންގެ ކަމެއް ކަމަށް "މެޑިކަލް ބޯޑުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު"ން އެންގެން އޮންނައިރު، ސަފާގެ ފޯމްގައި ސޮއިކުރުމަށް ހާނިމް އާއި ތައުފީގު ޑޮކްޓަރުގެ އެޕާޓްމަންޓަށް ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ސަފާ ހޮސްޕިޓަލަށް ގެންދިޔަކަމަށް ފޯމެއް ހެދުމަށްޓަކައި، ފޯމެއް ހޯދައިދިނުމަށް ހާނިމް އެދުމާ ގުޅިގެން މެޑިކަލް ސެކްޝަންގެ ކޮމްޕިއުޓަރު ސިސްޓަމަކުން އެވައްތަރުގެ ފޯމެއް ޕްރިންޓް ނަގައިގެން ގޮސް ހާނިމްގެއަތަށް ދީފައިވާ ކަމަށް ތައުފީގު ތަހުގީގުގައި ބުނެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މެޑިކަލް ސެކްޝަންގެ އިސްވެރިއަކަށް ހުރި ފަރާތުގެ ޢައިރުހާޒިރުގައި އެތަނުގައި ހުރި ފޯމެއް ނެގުމަކީ ތައުފީގުގެ ވާޒީފާގެ މަސްއޫލިއްޔަތުގެ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ ސަފާގެ ހާލު ވަރަށް ދެރަވެގެން ރާއްޖެއިން ބޭރަށް ފޮނުވަން ކަމަށްބުނެ، ޓްރެވަލް ޑޮކުއުމެންޓް ތައްޔާރުކޮށްދިނުމަށް އެދި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ސިޓީއެއް ފޮނުވުމަށް ތަންފީޒީ ސެކްޝަނުގައި ހާނިމް އެދިފައިވާ ކަމަށެވެ. އަދި އާންމުގޮތެއްގައި އެފަދަ ސިޓީތަކުގައި ސޮއިކުރަންޖެހޭނީ ތަންފީޒީ ސެކްޝަންގެ ވެރިއަކަށް ހުންނަ ބޭފުޅަކު ކަމުގައި ވިޔަސް، އިމިގްރޭޝަނަށް ފޮނުވާފައިވާ އެ ސިޓީގައި ސޮއިކޮށްފައި ވަނީ ހާނިމް ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ސިޓީ ތައްޔާރުކުރުމަށް އަންގާފައި ވަނީ އަދި އެ ސިޓީ ޑިސްޕެޗުކޮށްފައި ވަނީ ސަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމުމުގެ ކުރިންކަން ތަހުގީގަށް ކަށަވަރު ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ސަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށް މެޑިކަލް ބޯޑުން ނިންމިއިރު ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް ޑރ. ފަޒްނީން ހިފަހައްޓާ މިންގަނޑަށް ދޫދެވިފައިވާކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި ސަފާ ރާއްޖެއިން ބޭރަށް ފޮނުވަން މެޑިކަލް ބޯޑުން ނިންމި ނިންމުމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އިސްހާގު ގަވާއިދާ ޚިލާފަށް ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ސަފާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލާފައި ވަނީ އެކަމާ ގުޅޭ ލިޔެކިޔުން ފުރިހަމަނުވެކަން އެނގުނުނަމަވެސް މެޑިކަލް ބޯޑުގެ ހުއްދަ ފޯމްގައި އެކަމަށް ހުއްދަދިން ފަރާތުގެ ގޮތުގައި ސޮއިކޮށްފައިވާނެ ކަމަށް އޭރުގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އާޒިމް އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.