25 Dec 2014, 11:06
އައިޖީއެމްއެޗުން ދޭން ޖެހޭ ޑެތުސަމަރީ ރިޕޯޓް ދޫކޮށްފައި ނުވާތީ ތ. ތިމަރަފުށީ ބްލޫނިޔާގޭ އަހްމަދު އަސީލް މަރާލި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭ ގޮތެއް ނުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ފަހު ޝަރީއަތަށް ހުށަހެޅުމަށް ޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ނުފޮނުވި ލަސްވަނީ އައިޖީއެމްއެޗުން ފުލުހުންނަށް ދޭންޖެހޭ ޑެތުސަމަރީ ރިޕޯޓު ނުލިބިގެންނެވެ.
މިކަމާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު ސަން އަށް ވިދާޅުވީ އަސީލްގެ ޑެތު ސަމަރީ ރިޕޯޓު ލިބުން ލަސްވެގެން އެ ރިޕޯޓް އަވަހަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ފުލުހުން އެ ހޮސްޕިޓަލްގައި އެދިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރިޕޯޓު ތައްޔާރުކޮށް ނިންމައި މިއަދު ނިމުމުގެ ކުރިން ފުލުހުންނަށް ފޮނުވާލެވޭނެ ކަމަށެވެ.
"މިއަދު ނިމުމުގެ ކުރިން އެ ރިޕޯޓު ނިންމައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވާލެވޭނެ،" ފަރުހަތު ވިދާޅުވި އެވެ.
އުމުރުން 19 އަހަރުގެ އަސީލް މަރުވެފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދިދި ގޯޅިތެރޭގައި ތޫނުހަތިޔާރުން ބަޔަކު އޭނާއަށް ހަމަލާދިނުމުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެ މަހުގެ 29 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އަސީލް މަރާލި މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެންވެސް ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ. އަދި އޭގެތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.