25 Dec 2014, 10:04
މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. އެއީ އިބުރަތުން ފުރިގެންވާ ފުން ހިތާމައިގެ ދުވަހެކެވެ. އެ ދުވަސް އަބަދުގެ އަބަދަށް ހަދާން ކުރަންޖެހެ އެވެ. އެކަން ކުރުމަށްޓަކައި އެތައް ހަރަދެއްކޮށް ނަލަ ބިނާއެއް ވަނީ ހަދާފަ އެވެ. އެ ބިނާއިން ސުނާމީގެ ކާރިސާގެ ފުން ވާހަކަތަކެއް ސިފަކޮށްދެ އެވެ. އެ ބިނާގައި ފަރުމާކޮށްފައި ވަނީ ސުނާމީގެ އެތައް ހަނދާންތަކާއި ގުޅުވައިގެނެވެ. މި ހުރިހާ ކަމަކުން ބިނާގެ މުހިންމުކަން ދޭހަކޮށްދެ އެވެ. އެއީ ދެން އަންނަން އޮތް ޖީލްތަކަށް ހާދިސާ ހަދާން ކޮށްދޭނެ މައި މަރުކަޒެވެ.
އެ ބިނާއަކީ 108 ސްޓެއިންލެސް 84 ދަގަނޑު ރޮޑް ވަށްކޮށް އަތުރާލައިގެން ހަދާފައިވާ ބިނާއެކެވެ. އެ ކޮންމެ ހޮޅިއެއް ނިސްބަތްވަނީ އެހިތާމަވެރި ސުނާމީ ކާރިސާގައި މަރުވެފައިވާ ދިވެއްސެކެވެ. އެކި ސައިޒުގެ ހޮޅި ބޭނުންކޮށްފައިވުމުން އެކަމުން ދައްކުވައި ދެނީ އެބިރުވެރި ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެކި އުމުރުގެ މީހުން ކަމެވެ. އެ ބިނާ އިތުރަށް ފުރިހަމަކުރަން ބޭނުންކޮށްފައިވާ އެލްމިނިއަމް 20 ބޯޅައިން ދައްކައިދެނީ ޖަޒީރާ ރަށްތައް އެކުލެވިގެންވާ އަތޮޅުތަކެވެ.

މިއީ ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ މުހިންމު ބިނާއެކެވެ. އެބިނާ ހެދުމުގެ މަސައްކަތް ކުރަމުންދިޔަ އިރު އެތައް ބަޔަކު ފާޑުވެސް ރައްދުކުރި އެވެ. އެ މީހުން ބުނަމުންދިޔައީ އެ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ގެދޮރު ނުނިމެނީސް ބޮޑު ހޭދައެއް ކޮށްގެން ބިނާއެއް އެޅީ ކީއްވެތޯ އެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީނަމަވެސް ހަގީގަތަކީ އެބިނާއަކީ އެ ދުވަސް ހަދާންކޮށްދޭ މުހިންމު ބިނާއެއް ކަމެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބެހެއްޓި ސުނާމީ ބިނާ ކައިރިއަށް ގޮސް، އަރައި ފައިބާނެ ގޮތް ހެދީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެ ބިނާއަށް ކައިރިއަށް ގޮސް ނަފްސީއެއް ނަގާލުމަކީ އުފަލެއް ކަމަށް އެތައް ބަޔަކު ދެކުނެވެ. އެންމެ ގޮސްލަން ބޭނުންވާ އެއްތަނަކަށް އެ ބިނާ ވެގެން ދިޔައެވެ. ނަމަވެސް މިއަދު ވަނީ ބިނާއަށް އަރަން ބޭނުންކުރާ ފާލަންވެސް ދަބަރަށްވެ ފުނޑުފުނޑު ވެފަ އެވެ. އާ ފާލަމެއް އެޅުމުގެ މަސައްކަތް އިއްޔެ ފެށިއިރު ހާލަތު ހުރީ ވަރަށް ދަށްވެފަ އެވެ. މިއަދަކު އެބިނާއަށް އެރޭނެ ގޮތެއްނެތެވެ. އެ ތާރީހީ ބިނާގައި އުޖާލާކަމެއް ނެތެވެ. ވަށައިގެން ދަބަރެވެ. ލޮނުފެން އަސަރު ކުރާ ސަރަހައްދަކަށް ވުމުން ލޮނުގެ އަސަރު ފޯރައި ދަބަރު ޖަހާނެ އެވެ. ނަމަވެސް އެނޫން ގޮތްތަކެއް ރޭވެންޖެހެ އެވެ. ބިނާ ފެންނަ ފެނުމަށް ރީތި އިންތިޒާމް ތަކެއް ހަމަޖައްސަން ޖެހެ އެވެ. ނަމަވެސް އެބިނާ ވަނީ ވީރާނާ ދަތުރު ފަށާފަ އެވެ.

އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ހެރިޓޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓާ އަލީ ވަހީދު ގައުމީ ކޮންމެ މުނާސަބަތެއްގައި ފެނިގެންދާ މަންޒަރަކީ އެދުވަސްތަކުގެ މައުޟޫއަށާއި ގައުމީ އަބުތޯލުންގެ ވާހަކަތައް ފޯރިއާއެކު ދައްކާ ތަން ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ބޭފުޅުންނާއި އެފަދަ ކަންކަން ރަމުކޮށްދޭ ތަންތަނަށް އަޅާލުމަށް "އަޑުހަރުކަމެއް ނާދޭ" ކަމަށެވެ.
"އެއީ މައްސަލައެއް، އެހެން ކަންކަމަށް ހޭދަކުރާ މިންވަރަށް މިފަދަ ކަންކަމަށް ވެސް ހޭދަކުރަންޖެހޭ، ދެން އެތަންތަނަށް އަޅާ ނުލައި ބަހައްޓައިފައި ބަޔަކު އެ ވާހަކަ ދެއްކީމަ އެތަންތަނަށް އަޅާލަންވީމަ ކުރަންޖެހޭ ހަރަދުތައް ވެސް ބޮޑުވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި މުނާސަބަތަކަށް ނިސްބަތްކޮށް ބިނާތައް ހަދާނާއި ހާއްސަ ކަމެއްގެ ގޮތުގައި އެކަންކަން ފާހަގަކުރުމަށާއި އަންނަ ޒީލުތަކަށް އެ ހަނދާންތައް ބިންވަޅުނެގުމަށް އެޅޭ ރަނގަޅު ފިޔަވަޅަކަށް ވުމުން އެފަދަ ބިނާތަކަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމަށެވެ. އެތަންތަން މަރާމާތު ކުރުމަށް ހަރަދުތައް ކުރަންޖެހޭ ކަމަށާއި އެ ކަމަށް އިހުމާލް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ކުޑަ ކުއްޖާ އަހާނެ އެއީ ކޮންތަނެއްތޯ، ދެން އޭރު ދުނިޔޭގައި ތިބި އެކަން އެނގޭ މީހުން ކިޔައިދޭނެ، އެއީ ޑިސެމްބަރު މިހެން ދިމާވި އެތައް ބަޔަކު މަރުވި ހާދިސާއެއް ކަމަށް، އޭރުން އެޖީލްތަކަށް އެ މައުލޫމާތުތައް ލިބިގެންދާނެ،" އެފަދަ ބިނާއެއްގެ ސަބަބުން އެއް ޖީލުން އަނެއް ޖީލަށް އެ ކާރިސާގެ ހަދާންތައް ދެމިގެންދާނެ ކަމަށް ސިފަކޮށް އަލީ ވިދާޅުވި އެވެ.

އެ ބިނާ ގާއިމްކުރެވުނުފަހުން މިހާރުވެސް އެ ސަރަހައްދަކީ ގިނަ ބަޔަކު ފޮޓޯ ނެގުމަށް މަޝްހޫރު ސަރަހައްދެއްގެ ގޮތުގަ އެވެ. ލޯބިވެރިންނާއި އާއިލާތަކުގެ ފޮޓޯ ޕޮއިންޓަކަށް އެތަން ވަނީ ވެފަ އެވެ. މާލެ އައިކަން ޔަގީން ރައްޓިހިންނަށާއި އާއިލާ މެމްބަރުންނަށް ޔަގީން ކޮށްދިނުމަށް ވެސް ސުނާމީ ބިނާކައިރި ނަގާފައިވާ ފޮޓޯއެއް ފޮނުވާ ކަމަށްވެ އެވެ. އަދި އެއީ ޓޫރިސްޓޫންގެ ވެސް މަގުބޫލް މަންޒިލެކެވެ.
ޓުއަ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިޔާމު ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ވެސް އެ ސަރަހައްދުގެ ގައުމުގެތަކުގެ ޓޫރިސްޓުން އެ ބިނާ ހުންނަ ސަރަހައްދަށް ގޮސް އުޅޭއިރު އެ ބިނާ "ފުނޑުފުނޑު" ވެފައި ހުންނާތީ އެކަމާއި ކަންބޮޑުވެގެން ސުވާލުކޮށް ހަދާ ކަމަށެވެ.
"ޓޫރިސްޓުން ގޮވައިގެން އެތަނަށް ދާއިރު ޓޫރިސްޓޫން ޖެހިލުންވޭ އެ ބިނާއަށް އަރަން ވެސް، އެ ފާލަންވެސް އޮންނަނީ ހަލާކުވެ، ޓޫރިސްޓުން ވަރަށް ސުވާލު ކުރޭ، ކީއްވެހެއްޔޭ ސަރުކާރުން އަޅާނުލަނީބުނެ،" ޝިޔާމު ވިދާޅުވި އެވެ.
އެ ބިނާއަށް ބަލާއިރު ގިނަ ބަޔަކު ދަނީ ނުކިއްސަރު ގޮތަކަށް އެތަނުގެ ބޭނުން ހިފައިފައިވެ އެވެ. އެގޮތުން އެއީ ކުޑަކަމުދާ ޕޮއިންޓަކަށް އެތައް ފިރިހެނުންނެއް ހެދިއިރު އެބިނާގެ ފުރަގަހުގައި އެތައް ބަދުއަހުލާގީ އަމަލުތަކެއް ހިންގާފައިވާތަން ވަނީފެނިފަ އެވެ. ހިތާމައަކީ އެފަދަ ކަންކަން ހުއްޓުވާނެ ފަރާތެއް ނެތް ކަމެވެ. ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި އެފަދަ ބިނާތަކަށް ދޭ ސަމާލުކަން މިގައުމުން ވެސް ދޭންޖެހެ އެވެ.
ތަރައްގީވެފައިވާ އެހެން ގައުމުތަކަށް ބަލާނަމަ އެއީ އެތައް ލޯތްބާއި އިހްތިރާމެއް ލިބިފައިވާ ތަންތަނެވެ. "އިންޑިއަން އޯޝަން ސުނާމީ މެމޯރަލް"އާއި އަޗޭ ސުނާމީ މިއުޒިމް އާއި އިންޑިއާގެ ޓެމިލްނާޑޫގައި ހުންނަ ސުނާމީ މެމޯރިއަލްގެ އިތުރުން ތައިލޭންޑާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި ގާއިމް ކުރެވިފައިވާ އެ ބިނާތަކަކީ އެތައް ބަޔެއްގެ ލޮއިބާއި އިހްތިރާމް ލިބިފައިވާ ތަންތަނެވެ. ނަމަވެސް ރާއްޖެއިން ފެންނަނީ އެ މަންޒަރު ތޯ އެވެ؟

ސުނާމީ ބިނާއަށް ވެސް މި ވަނީ ބެލެނިވެރި ފަރާތެއްގެ ސުވާލު އުފެދިފަ އެވެ. އެބިނާ ވީރާވަމުންދާއިރު އެކަމުގެ ޒިންމާ އުފުލާނެ ބަޔަކު ނެތެވެ. އެކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް ވިދާޅުވީ އެކައުންސިލްގެ ބެލުމުގެ ދަށުގައި ބިނާއެއް ނެތް ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެތަން އެހާލަށް ދިޔައީ ސިޓީ ކައުންސިލްއިން އަޅާ ނުލުމުން ކަމަށެވެ. އެ މިނިސްޓުރީގެ ބެލުމުގެ ދަށަށް އެބިނާ އައިތާ އަދިވީ ދެތިން ދުވަސް ކަމަށާއި ވިސްނުންހުރީ އެ ބިނާ ރަނގަޅަށް މަރާމާތުކޮށް އެތަނަކީ މީހުން ފަހުރުވެރިވާ ތަނަކަށް ހެދުން ކަމަށެވެ. މަރާމާތުގެ މަސައްކަތް ފެށޭނެ ދުވަހާއި ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު ދިން ޖަވާބަކީ "މިއީ ތި ސުވާލަށް މިވަގުތު ދެވެން އޮތް ޖަވާބަކީ" މިއީއެވެ.
ވާހަކަ ދެއްކިދާނެ އެވެ. ނަމަވެސް ފެންނަން އޮތް މަންޒަރު ސާފެވެ. އެތައް ހަރަދެއްކޮށްގެން އެތައް ބޭނުމެއްގައި ހެދި އެ ބިނާ ފެންނަމުން ދަނީ އަޅާލުމެއް ނެތް ތަނެވެ. މިހާރު އެ ބިނާ އާއި ދޭތެރޭ ކަން ކުރެވޭ ގޮތަށް ބަލާއިރު މާގިނަ ދުވަހަކު އެ ބިނާ ފެންނަން އިންނާނެ ހެނެއް ހިޔެއް ނުވެއެވެ. ބިނާގެ ދަތުރަކީ ވީރާނުވުމުގެ ދަތުރަކަށް މިއަދު މިވަނީ ވެފަ އެވެ.