25 Dec 2014, 09:14
އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު "ސަން"އަށް ރޭ ވިދާޅުވީ، އުމުރުން 65 އަހަރުވުމުން ރައީސް ކަަމަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފިނަމަ އެއީ "ބޭއިންސާފުވެރި" ނިންމުމަކަށް ވާނެ ކަމަށެވެ. އަދި އެ އިސްލާހު މަޖިލީހުން ފާސްކޮށްފިނަމަ، މަޖިލީހުން އަރައިގަނެވެނީ ރައްޔިތުންގެ އަސާސީ ހައްގަކަށް ކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވެންޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވާނަން މިއީކީ ވަކި މީހަކު ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް ހުށަހެޅި އިސްލާހެކޭ. މި އިސްލާހަކީ ދިވެހި ރައްޔިތަކަށްވުމުގެ ހައްގު ނިގުޅައިގަނެވޭފަދަ އިސްލާހެއް. އުމުރުން 65 އަހަރުވުމުން ދިވެހި ރައްޔިތުކަން ގެއްލިގެން ނުވާނެ. އިންތިހާބަށް ވާދަ ކުރުމުގެ ހައްގު ނިގުޅައިގަނެވިގެން ނުވާނެ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ، އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތް ހެދުމަކީ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ. އަސާސީ ހައްގެއް އުނިކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން ވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި އެ އިސްލާހު ގެނައުމަށް ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ އެވެ.
ގާނޫނު އަސާސީގައި، އަސާސީ ހައްގުތައް ބަޔާންކޮށްފައިވާ ބާބުގެ 26 ވަނަ މާއްދާގެ ށ. ބުނެފައި ވަނީ އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ނ. ގައި ބުނަނީ ރައީސް ކަމަށް ކުރިމަތިލެވެނީ އުމުރުން 35 އަހަރުވުމުންނެވެ.
ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިންބައި އަގުލަބިއްޔަތު ލިބިގެންނެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުން ފާސްކުރުމަށް މަޖިލީހުގެ 64 މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވާނެ އެވެ.