25 Dec 2014, 00:09
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަދި މިހާރު އެ ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު އަބްދުއްރަހީމަށް އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިމަހުގެ 22 ވަނަ ދުވަހު ނިންމި އެގޮތަށް އަމުރުކޮށްފައި ގާނޫނާ ޚިލާފަށް އޭނާ ވަޒީފާއިން ވަކިކުރުމުން ގެއްލުނު ފައިސާ ހޯދުމަށް ހަބީބު ދައުވާކުރި މައްސަލަ ބެލުމަށްފަހު އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ގެ ނިޔަލަށް އަސާސީ މުސާރައިގެ އެލަވަންސްގެ ގޮތުގައި ހަބީބަށް ދޭންޖެހޭ 108،589.17 ރުފިޔާގެ ތެރެއިން ޕެންޝަނަށް އިނިކުރަންޖެހޭ 4،938.38 ރުފިޔާ އުނިކުރުމަށްފަހު ޖެހޭ ޖުމްލަ އަދަދު ކަމުގައިވާ 103،651.47 ރުފިޔާ ހަތް ދުވަހުގެ ތެރޭގައި އޭނާ އަށް ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެކީ އެއްފަހަރާ އެ ފައިސާ ދިނުމަށްފަހު ހަތް ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.