ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެން ދިޔަ ކ. އަތޮޅު މުބާރާތުގައި ކުޅުނު ހަމައެކަނި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެންޕިއަންކަން ދިއްފުށި ރޯޝަން ކްލަބް ހޯދައިފި އެވެ.

އެ މުބާރާތުގެ ޗެންޕިއަންކަން ދިއްފުށި ރޯޝަން ކްލަބް ހޯދީ މުބާރާތުގައި މިއަދު ކުޅުނު މެޗު 6-4ގެ ނަތީކާއަކުން ކާމިޔާބު ކޮށްގެނެވެ. އެ މެޗުގައި ދިއްފުށީ ޓީމާ ދެކޮޅަށް ވާދަކުރީ ގުރައިދޫ ޔޫތު ޔުނައިޓަޑެވެ.

މެޗުގެ ފުރަތަމަ ލަނޑު ދިއްފުށި ޓީމަށް ކާމިޔާބު ކުރެވުނީ މެޗުގެ 42 ވަނަ މިނެޓުގައި ގުރައިދޫ ޓީމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އަދި މެޗުގެ ދެވަނަ ހާފްގެ 72 ވަނަ މިނެޓުގައި ދިއްފުށީ ޓީމް ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ލީޑް ފުޅާކޮށްލާފަ އެވެ.

ގުރައިދޫ ޓީމަށް މެޗުގައި ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 83 ވަނަ މިނެޓުގަ އެވެ. އަދި އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ އެ ޓީމުން ހަމަހަމަ ކުރީ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. ފުރިހަމަ ވަގުތު ހަމަވި އިރު 2-2ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި ވުމުން، މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިންނެވެ.

މެޗަށް ފަހު މުބާރާތުގެ ޗެންޕިއަން ޓީމަށް ތައްޓާއި ލިޔުން ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން އަދި ކ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާރިޝް އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިއްފުށީ އެކުވެރި ރޯޝަން ކްލަބުގެ ކެޕްޓަން އަހުމަދު ރިޒުވާނު އެވެ.

ކ. އަތޮޅުން މުޅިއަކު ދެ ޓީމް ބައިވެރިވި ކ. އަތޮޅުގެ މުބާރާތުގައި ކުޅެފައި ވަނީ އެންމެ މެޗެކެވެ. އަދި އެ މެޗު ކުޅެފައި ވަނީ މިއަދު ހަވީރު ކ. ދިއްފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.