ފެން ކުންފުނި، އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މާލެއަށް ފެނަށް ޖެހުމުން "އެކުވެރި ގައުމުތަކުގެ އެކުވެރިކަން އޮތް މިންވަރު ޓެސްޓް" ކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާލެ ފެނަށް ޖެހުމާ ގުޅިގެން ބައެއް ގައުމުތަކުން ރާއްޖެއަށް އަވަސް އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ކާރިސާއާ ގުޅިގެން އެކުވެރިކަން އޮތް ގައުމުތައް އިމްތިހާން ކުރެވިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުނގަޑުމެންނާ ރަހުމަތްތެރި ގައުމުތަކުގެ ރަހުމަތްތެރިކަން އޮތް މިންވަރު މިފަހަރު ޓެސްޓު ކުރެވިގެން ހިނގައްޖެ. ވަރަށް ބޮޑެތި އެހީތައް އެހާމެ އަވަސް ފުރުސަތެއްގެ ތެރޭގައި ދިވެހިންނަށް މާލެއަށް އެހާ ނިކަމެތިކަމެއް ދުވަހުކޮޅެއްގައި ވަނީ ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ނަމަވެސް އެހީތައް ހަމަޖައްސައިދީފަ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ދިވެހި ވިޔަފާރިވެރިންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާ ކަމަށް އިޝާރާތްކުރައްވާ ރައީސް ވަނީ ފެނުގެ ކާރިސާގައި ދިވެހި ވިޔަފާރިވެރިން ވެދެއްވި އެހީތެރި ކަމަށް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ފެން ކުންފުންޏަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ފެނަށް ޖެހުމުން އެންމެ ފުރަތަމަ އެހީތެރިކަންވި ގައުމަކީ އަވަށްޓެރި އިންޑިއާ އެވެ. އެގޮތުން އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާ ބޯޓްތަކުންނާއި އެ ގައުމުގެ އަސްކަރިއްޔާގެ ދެ މަނަވަރަކުން ވަނީ ރާއްޖެއަށް ފެނުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މާލެ ފެނަށް ޖެހުމުގެ ހާދިސާގައި ޗައިނާ ސަރުކާރުން ވެސް ދިވެހި ސަރުކާރަށް ވަނީ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެގޮތުން އެ ސަރުކާރުގެ ހިލޭ އެހީގައި އެ ގައުމުން މާލެ އަންނަ ހުރިހާ ކޮމާޝަލް ފްލައިޓަކުން ރާއްޖެ އަށް ފެން ފޮނުވައިދީފައިވެ އެވެ. އަދި ފެން ހިފައިގެން ޗައިނާގެ އެއާފޯސް ދެ މަތިންދާބޯޓު ރާއްޖެ އައިސްފައިވާއިރު، ޗައިނާގެ އަސްކަރީ މަނަވަރެއް ވެސް ވަނީ ރާއްޖެއަށް ފެން ފެންފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން، މާލެއަށް ފެން ހިފައިގެން ބަންގްލަދޭޝް އަސްކަރިއްޔާގެ މަނަވަރެއް އައިސްފައިވާއިރު، ސްރީލަންކާ ސަރުކާރުން ވެސް ވަނީ ރާއްޖެއަށް އައި ކޮމާޝަލް ފްލައިޓްތަކުން ފެން ގެނެސްފަ އެވެ. އަދި ފެނުގެ މައްސަލަ މިމަހުގެ 15 ވަނަ ދުވަހު އެއްކޮށް ހައްލުވި ފަހުން ވެސް ރާއްޖެއަށް އެކި ގައުމުތަކުން ވަނީ ފައިސާގެ އެހީތެރިކަންވެފަ އެވެ.

އެގޮތުން މެލޭޝިއާ އާއި ބަހުރެއިންގެ ބަޓެލްކޯއިންނާއި ޖަޕާން ސަރުކާރުގެ އިތުރުން ސައުދީ އަރަބިއްޔާގެ މިލިޔަނަރަކު ވަނީ މާލޭ ވޯޓާ ކްރައިސިސް މެނޭޖްމެންޓް ފަންޑަށް ފައިސާގެ އެހީ ދެއްވާފަ އެވެ.