ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ގދ. މަގުއްދުއާ އަށް ފުވައްމުލަކުން ގެންދިއުމަށް ދޯންޏަކަށް އަރުވާފައި ހުރި ރުއްތަކެއް ފުވައްމުލަކު އޮފީހުން އިއްޔެ ބާލުވައިފި އެވެ.

ފުވައްމުލަކު އޮފީހުން މިއަދު ބުނީ އެ ރަށު ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އާއި މަގުއްދުއާގެ މެނޭޖްމަންޓާ ދެމެދު ކޮށްފައިވާ މަޝްވަރާތަކެއްގެ މަތިން ހޭޒުން މަގުއްދުއާ އަށް ފޮނުވާ ބަގީޗާ ގަސްތަކެއް އިއްޔެ ހަވީރު ދޯންޏަކަށް އަރުވާފައި ހުރި އިރު އެދޯނީގައި ހުރި ހަތަރު ދިވެހި ރުއް ބޭލުވީ، ފުވައްމުލަކުން ބޭރުކުރުމަށް ހޭޒަށް ހުއްދަ ދީފައިވާ ބަގީޗާ ގަސްތަކުގެ ތެރޭގައި ދިވެހި ރުއް ނުހިމެނީތީ ކަމަށެވެ.

"ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމަކަށް ނޫނީ ރުއްގަސް ގެންދާކަށް ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދައެއް ނުކުރޭ. ހޭޒުން އެދިގެން ވަކިބާވަތަކެއްގެ ގަސްތަކެއް ރަށުން ބޭރުކުރަން އަޅުގަނޑުމެން ހުއްދަ ދިނީ. އަދި ހުއްދަދިން ލިސްޓުގައި ދިވެހި ރުއް ނުހިމެނޭތީ އެރުއްތަ ބޭލުމަށް އެންގީ،" ފުވައްމުލަކު ބޮޑުކަތީބު މުނީރު ހަސަން ވިދާޅުވި އެވެ.

ނަމަވެސް ހޭޒުން ބުނީ ރުއްތަށް އެރުވީ ހޭޒުން ނޫން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނދުބުޑު ލާން ކައިރިވެފައި ހުރި އެ ހަތަރު ރުކަކީ ފުވައްމުލަކުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓު ސަރަހައްދުން ގެންގޮސްފައި ހުރި ހަތަރު ރުކެވެ.

ފުވައްމުލަކު ބޮޑު ކަތީބު ވިދާޅުވީ އެއާޕޯޓު ސަރަހައްދުން ނަގާ ގަސްތަކާ ރުއްތަކަކީ ފަހުން އެ ސަރަހައްދުގައި އިންދާ އެއްޗެހި ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މަގުއްދުއާއަށް ގެންދަން އުޅެނިކޮށް ރަށު އޮފީހުން ބޭލުވި ރުއްތަކަކީ އެރިސޯޓުގައި މަސައްކަތްކުރާ ފުވައްމުލަކު ބަޔަކު، ގަނެގެން ގޮސް އަރުވާފައި ހުރި ރުއްތަކެކެވެ.