24 Dec 2014, 20:16
ވޭތުވެ ދިޔަ ތިން އަހަރު ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ ގޯލު ބަލަހައްޓައިދެމުން އައި އެ ޓީމްގެ ކެޕްޓަން އަދި ރާއްޖޭގެ ގައުމީ ޓީމްގެ ގޯލްކީޕަރު އިމްރާން މުހައްމަދު މާޒިޔާ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި ކަމުގެ ހަބަރުތައް ފެތުރިފައިވާ އިރު، އޭނާ އަދި ދާނެ ވަކި ކްލަބެއް ނުނިންމާ ކަމަށާއި، ސޮއި ކުރަންޏާ ސޮއިކުރާނީ އެންމެ ރަނގަޅު އޮފާއެއް ލިބޭ ކްލަބަކަށް ކަމަށް އިމްރާން ބުނެފި އެވެ.
މިއަދު 'ސަން' އަށް މައުލުމާތު ދެމުން އޭނާ ބުނީ އޭނާއާ މެދު ޝައުގުވެރިކަން ފާޅުކޮށްފައިވާ ހަމައެކަނި ކްލަބަކީ މާޒިޔާ ނޫން ކަމަށާއި އޭނާ އަށް އިތުރު އެހެން ކްލަބުތަކުން ވެސް އޮފާތައް އައިސްފައިވާ ކަމަށެވެ. އަދި މާޒިޔާއާ މެދު މިހާރު ވެސް ވާހަކަތައް ކުރިއަށްދާ ކަމަށާއި އެންމެ ފަހުގެ ނިންމުމެއް އަދިވެސް ނުނިންމަން ކަމަށް އޭނާ ބުންޏެވެ.
"މާޒިޔާ އަށް ސޮއި ކުރުމާ މެދު މިހާރު ވެސް ވާހަކަ ދެކެވެމުން ދަނީ. ނަމަވެސް އަދި އެ ކްލަބަށް ސޮއި ނުކުރަން. ޝައުގުވެރިކަން ފާޅުކުރީ ހަމައެކަނި މާޒިޔާއަކުން ވެސް ނޫން. ވަރަށް ގިނަ ކްލަބުްތަކުން އެބަހުރި އޮފާތައް ލިބިފަ. އޭގެ ތެރޭގައި މަހިބަދޫވެސް ހިމެނޭ. ނަމަވެސް އެއްވެސް ނިންމުމެއް އަދި ނުނިންމަން. ސޮއި ކުރަން ނިންމާނީ ހަމަ އެންމެ ރަނގަޅު އޮފާއެއް ލިބޭ ކްލަބަކަށް،" އޭނާ ބުންޏެވެ.
މާޒިޔާ އިން އިމްރާނު އަށް ހުށައަޅާފައިވާ ހުށައެޅުމާ މެދު ސުވާލުކުރުމުން އޭނާ ބުނީ އެކަމާ މެދު ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި ކުޅުންތެރިންގެ މުސާރައިގެ ވާހަކައަކީ އާންމު ގޮތެއްގައި ކްލަބާއި ކުޅުންތެރިޔާއާ މެދު އޮންނަ ކަމެއް ކަމަށެވެ. އަދި ބައެއް މީޑިއާތަކުން އޭނާ މިހާރު މާޒިޔާ އަށް ސޮއި ކޮށްފިކަމަށް ބުނެ ހަބަރުތައް ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"މާޒިޔާ އަށް ސޮއިކޮށްފި ކަމަށް ބައެއް މީޑިއާތަކުން ބުނުމަކީ ކުށެއް. އެކަހަލަ ވާހަކައެއް ލިޔެލާފަ ގައުމުގެ ތެރެއަށް ދޫކޮށްލުމުގެ ކުރިން ކުޅުންތެރިޔާ އާއި ކްލަބާ ވާހަކަ ދައްކާލުމަކީ އޭގައި އޮތް އެންމެ ރަނގަޅުގޮތް. އަދި ހަމަ އެއްވެސް ގޮތަކަށް އެއްވެސް ކަމެއް ފައިނަލެއް ނޫން. މާޒިޔާ އިން ވެސް ހިތްހަމަ ޖެހޭވަރުގެ އޮފާއެއް ހުށައަޅާފައި އޮތުމަކީ ހަމަ ވެދާނެ ކަމެއް. ކޮންމެ ކްލަބަކުން ވެސް ހުށައަޅާ އޮފާގެ ވާހަކައަކީ އާންމު ގޮތެއްގައި ކްލަބާ ކުޅުންތެރިޔާއާ މެދު އޮންނަ ކަމެއް. ނަމަވެސް މިކަމުގައި ވަރަށް އަވަހަށް ކޮންމެވެސް އެއް ގޮތެއް ނިންމާނަން،" އޭނާ ބުންޏެވެ.
އެންމެ ފުރަތަމަ ކްލަބް އީގަލްސްގެ ޔޫތު ޓީމަށް ކުޅެދިން އިމްރާން 1999 ވަނަ އަހަރު އޭނާގެ ސީނިއާ ކެރިއާވެސް ފެށީ އެ ޓީމުންނެވެ. އަދި އެއަށް ފަހު 2002 ގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބަދަލުވުމަށް ފަހު، އޭނާ ވަނީ އެ ކްލަބަށް ހަ އަހަރު ކުޅެދީފަ އެވެ. އެއަށް ފަހު ވެލެންސިޔާ އާއި ވީބީ ސްޕޯޓްސް ކްލަބުން ވެސް ފެނިގެން ދިޔަ އިމްރާން ކްލަބް ނިއުރޭޑިއެންޓުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2012 ވަނ އަހަރުއެވެ.
ރާއްޖޭގެ ގައުމީ ޓީމަށްވެސް އިމްރާން 1999 ވަނަ އަހަރު ކުޅެދޭން ފަށާފައި ވާއިރު، 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖެ ސާފް ޗެންޕިއަންޝިޕް ކާމިޔާބު ކުރީ ރާއްޖޭގެ ގޯލް އޭނާގެ ބެލުމުގެ ދަށުގައި ހުރެގެނެވެ.