24 Dec 2014, 19:55
ފަންފެއާ އާއި ކާނިވަލާއި ޕްރޮމޯޝަން ފެއާ އަދި ނައިޓް މާކެޓް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން އެ މިނިސްޓްރީގެ ހުއްދަ ނެތި ނައިޓް މާކެޓް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކާނިވަލާއި ފަންފެއާ، ޕްރޮމޯޝަން ފެއާ އަދި ނައިޓް މާކެޓްފަދަ ކަންކަން ބޭއްވުމުގެ އިންތިޒާމުތަށް ހަމަޖެއްސުމަށް މި މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތް ފިޔަވާ އެހެން އެއްވެސް ފަރާތަކުން އެ ކަން ކަން މިނިސްޓްރީގެ ހުއްދަ ނެތި ކުރިއަށް ގެންދިއުމަކީ މަނާ ކަމެއް ކަމަށެވެ.
ނައިޓް މާކެޓް އަދި ފެއާތަކުގެ ހުރިހާ ކަމެއް އަންނަ އަހަަރުން ފެށިގެން ހިންގުމަށް ހަވާލުކޮށްފައި ވަނީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއަށެވެ.
މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ކުރިން ގެންދިޔަ، ކާނިވާތައް ބޭއްވުމަށާއި ފަންފެއާތަކުގެ އިތުރުން ޕްރޮމޯޝަން ފެއާ އާއި ނައިޓްމާކެޓް ފަދަ ކަންކަން ބޭއްވުމުގެ ހުއްދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ބަދަލިކޮށްފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގަ އެވެ.