ޑެޕިއުޓީ ޕްރިންސިޕަލުން ވަޒީފާއިން ވަކިނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ތައުލީމު ހާސިލްކޮށްގެން ތިބި ބޭފުޅުން މަގާމުގައި ބޭތިއްބުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ނިންމަވާފައިވާ ކަމަށާއި އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިތުރަށް ގާބިލުކަން ބޭނުންވާ ފަރާތްތަކަށް "ސިސްޓަމް"ގެ ތެރެއިން އެ ކަންތައް ކޮށްދޭނެ ކަމަށެވެ.

"ރައީސް ޔާމީން ނިންމަވާފައި ވަނީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ކޮލިފައިޑް އަދި ތައުލީމު ހާސިލްކުރައްވައިގެން ތިއްބެވި ޑެޕިއުޓީ ޕްރިންސިޕަލްސް ސިސްޓަމް ތެރޭގައި ބޭއްތިއްބުމަށް. ރާއްޖޭގައި ކިޔަވައިދޭން ބޭނުންވަނީ އެކަމަށް ގާބިލު މީހުން. އެހެންވީމަ އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ހުރިހާ ކިޔަވައިދޭ މީހުންނަކީ ވެސް ގާބިލް މީހުންނަށް ހެދުމުގެ މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާބިލުކަން ބޭނުންވާ ފަރާތްތަކަށް އެކަން ކޮށްދޭއިރު ގާބިލުކަން ހުރި ބޭފުޅުންނަށް އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިން ބުނީ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ތިއްބެވި 188 ބޭފުޅުންގެ ތެރެއިން 76 ބޭފުޅަކު އިދާރީ މަސައްކަތް ކުރައްވާއިރު އޭގެތެރޭގައި ބަޖެޓު ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ މަގާމުން ބޭފުޅުން ވަކި ކުރެއްވުމަށް ބުނީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ދެމެދުގައި އޮތް "ފަށަލަ" ތުނި ކުރުމަށްޓަކައި ކަމަށެވެ.