ހިތްދަތިކަން ދިމާވެފައިވާ މީހުންގެ ވާހަކަތައް މުޖުތަމައުއަށް ހާމަކޮށް، މާކެޓް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ޑޯނާއެއް ލިބިފައިވާ ތެލެސީމިއާ ކުދިންނަށް ޒަކާތު ފަންޑުން ދޭ އެހީ ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުޖުތަމައުގައި ދިރިއުޅޭ މީހުންގެ ހިތްދަތި އިހުސާސްތައް ރައްޔިތުންނާ ހަމައަށް ގެނެސްދެވިއްޖެނަމަ އެ މީހުންނަށް އެހީވާނެ އެތައް ބަޔަކު ތިބޭނެ ކަމަށެވެ. އަދި އެކަމުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މުޖުތަމައުގައި ހުރި ހިތްދަތިވާ ކަހަލަ މައްސަލަތައް ރަނގަޅު ގޮތަކަށް މާކެޓްކޮށް ނުވަތަ މުޖުތަމައުއަށް ގެނެސްދިނުމުގެ މަސައްކަތް ކުރަންޖެހޭ. މުޖުތަމައުއެއްގަ އޯގާތެރި ކަމަށް އިސްކަންދޭ ކަމަށްވާނަމަ ދިވެހި ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ފަރުދުންގެ ފަރާތުން ވެސް އެހީތެރިކަން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ޒަކާތު ފަންޑުން އެހީވާން ހަމަޖެހިފައި ވަނީ ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ޑޯނާއެއް ހަމަޖެހިފައިވާ ކުދިންނަށެވެ. އަދި އެންސްޕާއާ ގުޅިގެން ދޭން ހަމަޖެހިފައިވާ އެ އެހީގެ ދަށުން 34 ކުއްޖަކަށް ބޯންމެރޯ ޓްރާސްޕްލާންޓު ހެދުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ވަޒީފާއަށް ނުކުންނަށް ބޭނުންވެފަތިބި ހާއްސަަ އެހީއަށް ބޭނުންވާ ކުދިންނަށް ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ވަޒީފާ ހަމަޖެހިގެންދިޔަ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ އޯގާތެރިކަމާއެކު މުޖުތަމައިން "ހަވާސާވެގެންދާ" އަޅާލުންތެރިކަން ކުޑަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން އެފަދަ ކުދިންނަށާއި "ހަޔާތެއް" ނުފެށި ނާއުއްމީދުވެފައި ތިބޭ ހުރިހާ ކުދިންނަށް ދިވެހި ވިޔަފާރިވެރިންނާއި ސަރުކާރުގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާތީ އެކަމަށް ޝުކުރުއަދާކުރައްވައި، އެފަދަ ކުދިންނަށް އެހީތެރިވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

"ޒަކާތު ފަންޑުގެ އެހީތެރިކަމާއެކީ ކުރިއަށް އޮތްތަނުގައި މިހެން ހަވާސާ ވެގެންދާ ކުދިންނަށް ނުވަތަ މުޖުތަމައުގައި ތިބި އާއިލާގެ މެންބަރުންގެ ފަރާތުން ފޯރުންތެރިކަން ކުޑަ މީހުންނަށް އެހީތެރިވެގެން ދިއުމަށް އެދެން،" ރައީސް ވިދާޅުވި އެވެ.

ޔޫއޭއީގެ މަހުމޫދު އަލް ހަޖާ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ ޒަމާނީ ކުޑަކުދިންގެ ހިޔާއަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ހުރި އެހީތެރި ކަމަށް ބޭނުންވެފައިވާ ދާއިރާތަކަށް އިސްލާމީ ގައުމުތަކުން އެހީ ދިނުމަށް ޝައުގުވެރިވެ، އެކަންތައްތަކަށް ސަމާލުކަންދާ ކަމަށެވެ.

މިއަދު ވެސް އަރަބި އެކުވެރި ދައުލަތުގެ ބޭފުޅުންކޮޅެއް ރާއްޖެއަށް އެހީ ބޭނުންވެފައިވާ ދާއިރާތަކަށް ސަދަގާތްކުރެއްވުމަށް ރާއްޖޭގައި އެބަ ތިބި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން އެހެން ވިދާޅުވިއިރު، ސައުދީ އަރަބިއްޔާގެ އިގްތިސާދީ ދާއިރާގެ ބޭފުޅުންނާއި އިގްތިސާދީ މުއައްސަސާތަކުގެ ވެރިން ހިމެނިވަޑައިގަންނަވާ ވަފްދެއް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.