ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންނަށް 2009 އަހަރާއި 2010 ވަނަ އަހަރު އެލަވަންސް ދީފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ އެލަވަންސް އަނބުރާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީގެ މެމްބަރުން ކޮމިޝަންގެ ޖަލްސާއަކަށް 500 ރުފިޔާ އަދި ކޮމިޓީގެ ބައްދަލުވުމަކަށް 300 ރުފިޔާގެ އެލަވަންސް ނަންގެވި މައްސަލަ 2011 ވަނަ އަހަރުގެ ޖޭއެސްސީގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން 2009 އަދި 2010 ވަނަ އަހަރު 1،030،160 ރުފިޔާ މެންބަރުން ގާނޫނާ ހިލާފަށް ހޯދާފައިވާ ކަމަށެވެ.

"ކޮމިޝަނުގެ މެންބަރުން އެލަވަންސްގެ ގޮތުގައި 1،030،160 މިލިއަން ރުފިޔާ ނަގާފައިވާ މައްސަލާގައި މެންބަރުން ފައިސާ ދައްކަން ޖެހޭނެ ގޮތުގެ ތާވަލެއް އުކުލަވާލައި، މެންބަރުކަން ކުރައްވާފައިވާ ބޭފުޅުން އަތުން އެ ފައިސާ އަނބުރާ ހޯދުމުގެ ކަންތައް ތަންފީޒު ކުރެއްވުމަށް ޖޭއެސްސީ އަށް އެންގުން،" ކޮމެޓީގެ ނިންމުން އިއްވަމުން މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ.

ޖޭއެސްސީން ދެމުން ގެންދާ އެލަވަންސް ހައްގު ނުވާ މެމްބަރަ އެ އެލަވަންސް ނަންގަވާ މައްސަލަ އޭރު ފެންމަތި ކުރެއްވީ ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެމްބަރު އާއިޝަތު ވެލެޒިނީ އެވެ. އޭނާ އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވުމުން އެ ކޮމިޝަނުން ވަނީ އެ އެލަވަންސް ދިނުން ހުއްޓާލަށް އެ ޖޭއެސްސީއަށް އަންގާފަ އެވެ.

ގާނޫނު އަސާސީގެ 164 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ކޮމިޝަންގެ މުސާރަ އާއި އެލަވަންސް ހައްގު ވަނީ ޖޭއެސްސީއަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމެއްގައި ނެތް ކޮންމެ މީހެކެވެ. އަދި އެ މުސާރަ އާއި އެލަވަންސް ދެވޭނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވެސް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.

ޖޭއެސްސީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ގަވާއިދާ ހިލާފަށް މެންބަރުން ނަގާފައި ފައިސާ އަލުން އަނބުރާ ހޯދުމަށާއި މިހާރު އެ ފައިސާގެ ތެރެއިން ނުލިބި ވަނީ ކިހާވަރެއް ކަން މާލިއްޔަތު ކޮމެޓީއަށް ފިނޭންސް މިނިސްޓްރީން އަންގައިދިނުމަށް ވެސް މިއަދު ބޭއްވި ކޮމެޓީން ވަނީ ނިންމާފަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ އޭރު ޖޭއެސްސީގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެންމެ ބޭފުޅެއް ފިޔަވައި އެހެން ބޭފުޅަކު ފައިސާ ނުދައްކަވާ ކަމަށެވެ.