ތެލަސީމިއާ ކުދިން އެ ބަލިން ފަސޭހަ ކުރުމަށް އޮތް ހަމަ އެކަނި ގޮތް ކަމަށްވާ ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް 34 ކުއްޖަކަށް ޒަކާތު ފަންޑުން އެހީ ދީފި އެވެ.

ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ކްރޮސް މެޗު ދިމާވެފައިވާ އެ ކުދިންނަށް އެހީ ހަވާލުކޮށްދެއްވީ މިއަދު ހަވީރު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީވާ ދަރިވަރުންނަށް އަންނަ މަހުގެ ތެރޭގައި ފައިސާ ހަވާލު ކުރާނެ ކަމަށެވެ. އަދި އެއް ފަހަރާ ހުރިހާ ކުދިންނަށް ފައިސާ ހަރަދުކުރަން ޖެހުނުކަމުގައިވީ ނަމަވެސް އެކަމުގެ ކުޅަދާނަކަން ފަންޑުގައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަދުވެގެން މީގެން ކޮންމެ ކުއްޖަކަށް 20،000 ޑޮލަރު ހަރަދުވާނެ ކަމަށް މިހާތަނަށް މައުލޫމާތު ލިބިފަ އޮތީ. އެހެން ނަމަވެސް އިތުރަށް ކުރަންޖެހޭ ހަރަދުތަކެއް ހުރެދާނެ އެކުއްޖަކު އޮޕަރޭޝަންކުރަން ގަސްދުކުރާ ހޮސްޕިޓަލަކުން. ޒަކާތު ފަންޑު ބަލަހައްޓާ ކޮމެޓީން ވަނީ އެގޮތަށް ކުރަންޖެހޭ ހަރަދުތައް ވެސް ފަންޑުގެ ކުޅަދާނަކަން ހުރި މިންވަރުން ކޮށްދޭން ނިންމާފަ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ޒަކާތު ފަންޑާ ގުޅޭ ގޮތުން ބައެއް މީހުން އެކި ކަހަލަ ވާހަކަތައް ދައްކަވަމުންދާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޒަކާތު ފަންޑަކީ ވަރަށް އިތުބާރު ހުރި ޝަރުއީ ހަމަތަކުގެ މަތިން ވަރަށް ބޮޑަށް ބެލެހެއްޓިގެން ކުރިއަށްގެންދާ ފަންޑެއް ކަމަށެވެ. ޒަކާތު ފަންޑުން އެއްވެސް ކަމަކަށް ހަރަދުކުރެވޭނީ ޒަކާތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކާ މަޝްވަރާކުރެވި އިއްތިފާގުވާ ކަންތައްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ، މުޖުތަމައުގައި އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ފަގީރުންނަށާއި ފުދުންތެރިކަން ކުޑަ މީހުންނަށް ރާއްޖޭގެ ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެގޮތުން، ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަމުންދާ ފުދުންތެރިކަން ކުޑަ މީހުންނަށާއި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އެތައް ސަތޭކަ ދަރިވަރަކަށްދީ އަދި ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ސަރުކާރުގެ ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތްފައިވެ އެވެ.