އަހަރަކު އެއް ފަހަރު ދެމުން އަންނަ މޯލްޑިވްސް ފިލްމް އެވޯޑްސް ބާއްވައިދޭނެ ފަރާތެއް ހޯދަން މޯލްސްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން އިއުލާންކޮށްފި އެވެ.

މި އަހަރު ނެރުނު ފިލްމްތަކަށް އެވޯޑް ދިނުމަށްޓަކާ ހަފްލާ ބާއްވައިދޭނެ ފަރާތެއް ހޯދުމަށް އެމްއެފްއޭ އިން އިއުލާން ކޮށްފައި މިވަނީ ވޭތުވެދިޔަ ތިން އަހަރު އެ އެވޯޑްސް އިންތިޒާމްކޮށްދިން ރާއްޖޭގެ އެންމެ ބޮޑު އިވެންޓް މެނޭޖަރު، ހައިރައިޒް އާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.

އެމްއެފްއޭ އިން މިދިޔަ ހޯމަ ދުވަހު ކުރި އެ އިއުލާނުގައި ބުނެފައިވަނީ، އެމްއެފްއޭ އެވޯޑް ދިނުމަށްޓަކާ ހަފްލާ ބާއްވައިދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހު އެ އެސޯސިއޭޝަންގެ އޮފީހުން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.

މޯލްޑިވްސް ފިލްމް އެވޯޑްސް އަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތެރިވާ ފަންނާނުންގެ އަގުވަޒަންކުރުމަށް 2011 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. އަދި އެ އެވޯޑް މިހާތަނަށް ތިން ފަހަރަކު ދީފައިވެ އެވެ.