03 Feb 2011, 17:11
ވޮޝިންޓަން : މިސްރުގައި ހިނގަމުންދާ ގަޑުބަޑުތަކާ ގުޅިގެން ސްވޭސް ކެނެލް ބަންދުކޮށްފިނަމަ އިޤްތިސާދީ ގޮތުންނާއި ޢަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން އެކަމަށް ރައްދުދޭނެ ކަމަށް އެމެރިކާ ބުނެފިއެވެ.
އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ ޖެނެރަލް ޖޭމްސް މެއިޓިސް ވިދާޅުވީ މިސްރުގެ ގަޑުބަޑުތަކާގުޅިގެން ސްވޭސްކެނެލް ބަންދުކުރާ ހިސާބަށް ކަންތައްތައްދާނެ ކަމަށް އަދި ޤަބޫލުނުކުރެވުނު ނަމަވެސް މިއީ ވިސްނަންޖެހިފައިވާ ކަމެއްކަމުގައެވެ. ލަންޑަންގައި ކުރިޔަށްދާ ޕޮލިސީ އެކްސްޗޭންޖާބެހޭ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޖެނެރަލް ވިދާޅުވީ މެދުއިރުމަތީގައިވާ އެމެރިކާގެ ބާރުތައް ރުކުރުވާލާފައިވާ ގޮތަށް ބަދަލުގެންނަން އަދި ރޭވިފައިނުވާ ކަމުގައެވެ.
އެމެރިކާގެ ރުހުން ލިބިފައިވާ މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމާދެކޮޅަށް މިސްރުގެ ރައްޔިތުން ފަށާފައިވާ އުތުރުއެރުން ނިމިގެންދާނެގޮތެއް އަދި މިސްރުގެ ސިޔާސީ މުސްތަޤްބަލް އޮތްގޮތެއް އަދިވަނީ ނޭންގުމެއްގެ ތެރޭގައެވެ. މިސްރުގެ ގަޑުބަޑުތަކާގުޅިގެން އެމެރިކާވަނީ ކަންބޮޑުވެފައެވެ.
ސްވޭސްކެނެލް ބަންދުކޮށްފި ޙާލަތެއްގައި އެމެރިކާ ޙަރަކާތްތެރިވާނީ ކޮންގޮތަކަށްތޯ ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ޖެނެރަލް މެއިޓިސް ވިދާޅުވީ އެގޮތް ނިންމަވާނީ އެމެރިކާގެ ސިޔާސީ ވެރިންކަމުގައެވެ. ސިފައިންނަކީ ސަރުކާރުން ނިންމާ ނިންމުންތައް ތަންފީޒުކުރާ ބައެއްކަމުގައެވެ. އެމެރިކާއަށާއި ހުޅަނގު ޔޫރަޕަށް ބޭނުންވާ ތެލުގެ ބޮޑުބައެއް ސަޕްލައިކުރަނީ މިސްރުގެ ސްވޭސް ކެނެލްގެ ތެރެއިންވެ. ސްވޭސް ކެނެލް ބަންދުކުރުމަކީ އެމެރިކާގެ ނޭވާހޮޅި ބެދުންފަދަ ކަމެއް ކަމަށް މުޙައްލިލުން ސިފަކުރައްވައެެވެ.
ރިޕޯޓްތައް ބުނާގޮތުން މުބާރަކްގެ ވެރިކަމާއިމެދު އެމެރިކާވެސް މިހާރުވަނީ އުންމީދު ކަނޑާލާފައެވެ. އަދި މިސްރުގެ ގަނޑުބަޑުތައް ދިގުދެމިގެން ހިނގައިދާނެކަމަށްވެސް އެމެރިކާވަނީ ލަފާކޮށްފައެވެ. އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންނާއި އިސްރާއީލުންވަނީ މުބާރަކްގެ ވެރިކަން އަދި ނުވެއްޓުނު ނަމަވެސް އޭނާގެ ޙަޤީޤީ ވެރިކަން މިހާރު ނިމުމަކަށް އައިސްފިކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ފައްޓަވާފައެވެ. (ރޮއިޓާސް)