ދިވެހި ފަންނާނުން ކުރިއެރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ ދިވެހި ފަންނާނުން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް" އަންނަ އަހަރު މެދު އިރުމަތީގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

ސައުންޑް އޮފް މޯލްޑިވްސްގެ ފަސް ޝޯއެއް މިހާތަނަށް ބާއްވާ ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މިއީ މެދު އިރުމަތީގެ ގައުމެއްގައި ރާއްޖޭގެ ފަރާތަކުން ޝޯއެއް ބާއްވާ ފުރަތަމަ ފަހަރެވެ. ސައުންޑްސް އޮފް މޯލްޑިވްސްގެ ހަ ވަނަ ޝޯ ބާއްވަން ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސިޓީ އަދި އެކުވެރި އަަރަބި އިމާރާތް (ޔޫއޭއީ)ގެ ސިޓީއެއް ކަމަށްވާ ދުބާއީގަ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ ހަ ވަނަ ޝޯއާއެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "މަޓާޓޯ ޓްރެވަލް އެވޯޑްސް"ގެ ހާއްސަ ބައެއް ވެސް ދުބާއީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރުނބާ އައިލެންޑް ރިސޯޓްގައި ބޭއްވި މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ތިން ވަނަ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވަނީ އަންނަ އަހަރު މަޓާޓޯ ޓްރެވަލް އެޥޯޑްސްގެ ދެބައެއް ބާއްވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ. އެގޮތުން އެ އެވޯޑުގެ ފުރަތަމަ ބުރު އަދި ގްރޭންޑް ފިނާލޭ އަންނަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ކޮކޯ ބޮޑު ހިތީގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، ދެވަނަ ބުރު ބާއްވާނީ ދުބާއީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ބޮޑެތި އިވެންޓް ތަކެއް ރާއްޖޭގައި ބާއްވަމުން އަންނަ ހައިރައިޒްގެ ޑިރެކްޓަރެއް ކަމަށްވާ މޫސާ އިޒްމީލް (އިޒޫ) ވިދާޅުވީ، އެ ދެ އިވެންޓް ބޭއްވުމަށްޓަކައި ހައިރައިޒްގެ ސީނިއާ ޓީމެއް ދުބާއީއަށް ގޮސް ދުބާއީގެ ފާހަގަކޮށްލެވޭ ތަންތަނާއި ގްރަންޑް ކޯޑިނޭޓަރުންނާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، މިހާތަނަށް ބެލި ތަންތަނުގެ ތެރޭގައި އަނަންތަރާ ދަ ޕާމާއި ޖުމެއިރާ ބީޗާއި ޖުމެއިރާ އެމިރޭޓްސް ޓަވަރާއި ނޯވޯޓެލާއި ފެއާމޮންޓްގެ އިތުރުން މަދީނަތު އަދި ދުސިތު ތާނީ ދުބާއީ ހިމެނޭ ކަމަށް އިޒޫ ވިދާޅުވި އެވެ.

ހައިރައިޒްގެ ޑިރެކްޓަރު އަދި ސައުންޑްސް އޮފް މޯލްޑިވްސްގެ މޭސްތިރިއާ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، އެ ދެ އިވެންޓު ވެސް ބާއްވަން ހަމަޖެހިފައިވަނީ މެދު އިރުމަތީގައި ބާއްވަމުން އަންނަ އެންމެ ބޮޑު ޓްރެވަލް އެގްޒިބިޝަން، އަރަބިއަން ޓްރެވަލް މާޓް (އޭޓީއެމް) ބާއްވާ ދުވަސްކޮޅާ ދިމާކޮށް ކަމަށެވެ. ނަމަވެސް ދެ އިވެންޓް ބާއްވާނެ ވަކި ތާރީހެއް އޭނާ ވިދާޅެއްނުވެ އެވެ.

އޭޓީއެމް އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވަނީ މޭ މަހުގެ ހަތަރަކުން ހަތަކަށް ދުބާއީގަ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސް މީގެ ކުރިން ކުޑަ ބަނޑޮސް އާއި މާލެ އާއި ސްރީލަންކާގެ ވެރިރަށް ކޮޅުބުގައާއި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަންޕޫރް އަދި އިންޑިއާގެ ސިޓީއެއް ކަމަށްވާ ބެންގަލުރޫގައި ބާއްވާފައިވާއިރު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައާއި އޮޅުވެލި ބީޗް އެންޑް ސްޕާ އަދި ކުރުނބާ މޯލްޑިވްސްގައެވެ.