އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އިންތިހާދުގައި ހިމެނޭ އުރުދުންގެ ހަނގުރާމަމަތީ މަތިންދާބޯޓެއް އައިއެސް އިން ވައްޓާލައިފި އެވެ.

ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ޖަމާއަތެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އައިއެސް އިން އުރުދުންގެ އެފް-16 ފައިޓަ ޖެޓެއް ވައްޓައިލީ އައިއެސް އިން ވެރިރަށުގެ ގޮތުގައި ބަލަމުން އަންނަ ސޫރިޔާގެ ރައްގާގެ މަތިން އުދުހެނިކޮށް ކަމަށެވެ. އަދި ބުނީ އެބޯޓް ވައްޓައިލީ އެންޓި އެއާކްރާފްޓް މިސައިލް ބޭނުންކޮށްގެން ކަމަށެވެ.

އުރުދުން އަކީ އެމެރިކާއި އެކު ހަނގުރާމަ ކުރަމުންދާ އިއްތިހާދުގައި އިސް ދައުރެއް އަދާކުރާ ގައުމެކެވެ.

ރައްގާއަށް ބޮން އަޅަނިކޮށް ވައްޓައިލި މަތިންދާބޯޓްގެ ބައިތަކުގެ ފޮޓޯތައް ކަމަށް ބުނާ ފޮޓޯތަކެއް އައިއެސް އިން މިހާރު ވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އާއްމުކޮށްފަ އެވެ. ވައްޓައިލި ބޯޓުގެ ޕައިލެޓް އައިއެސްއިން ހައްޔަރުކޮށްފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޮ ހިއުމަން ރައިޓްސް އިން ފަހުން ވަނީ ބުނެފަ އެވެ.