24 Dec 2014, 16:21
ޒިންމާދާރު މަގާމްތަކުގައި ތިއްބަވާ ފަރާތްތަކުގެ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ އިތުރުން އާއިލާ މީހުންގެ މާލީ ބަޔާން ހުށައަޅާ ގޮތަށް ހަމަޖެއްސުމަށް ޓްރާންސްޕޭރަންސީ އޮފް މޯލްޑިވުސް އިން ގޮވާލައިފި އެވެ.
"މާލީ ބަޔާން ހާމަ ނުކުރުން: ކޮރަޕްޝަނަށް މަގެއް" ނަމުގައި އެ ޖަމިއްޔާ އިން މިއަދު އާންމުކުރި ކަރުދާހަކާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ އާންމު އޮފިޝަލުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ އިތުރުން ގާތްތިމާގެ މީހުންގެ މާލީ ބަޔާންތައް ހަމަޖެއްސުމަށް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ޓަކައި މާލީ ބަޔާން މީޑިއާތަކަށާއި ރައްޔިތުންނަށް ފެންނާނެ ފަދައިން އާންމުކޮށް ހާމަކުރަން ޖެހޭ ކަމަށެވެ. ހަމައެއާ އެކު ހުށައަޅާ މާލީ ބަޔާންތަކަކީ މިނިވަން ފަރާތެއް މެދުވެރިކޮށް ސައްހަކަން ކަށަވަރު ކުރެވޭ އެއްޗަކަށް ހަދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އެންމެ އެކަށީގެންވާ ގޮތަކަށް މާލީ ބަޔާން ހާމަ ކުރުމުގެ ނިޒާމެއް ނޫން ރާއްޖޭގައި މިއޮތީކީ. މިއޮތީ ހުށައެޅުމުގެ ނިޒާމެއް، ހުށައެޅުމުގެ ނިޒާމްގެ ތެރެއިން ވެސް ދިވެހި ރާއްޖޭގެ މާލީ ބަޔާންތަކަކީ ސައްހަކަން ކަށަވަރު ކުރެވޭ އެއްޗިއްސެއް ނޫން،" އައިމަން ވިދާޅުވި އެވެ.
މިހާރު މާލީ ބަޔާން ހުށައަޅަން ޖެހޭ ފަރާތްތަކުން އެބަޔާން ހުށަނޭޅި ނަމަވެސް ނުވަތަ ބައެއް މައުލޫމާތު ހާމަ ނުކުރި ނަމަވެސް ދެވޭ އަބަދެއް ނޯންނަ ކަމަށާއި އޭގެ ބަދަލުގައި އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށާއި ހުށައަޅާ މާލީ ބަޔާންތަކަކީ ސައްހަ މާލީ ބަޔާންތަކެއްކަން ދެނެގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އޭނާ ގޮވާލެއްވި އެވެ. އަދި މާލީ ބަޔާން ހުށައެޅުމުގައި ހަމަހަމަ އުސޫލްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ނިޒާމްގައި ހުރި މައްސަލަތައް ފާހަގަކުރައްވައި އައިމަން ވިދާޅުވީ ރާއްޖޭގައި މިހާރު ނިޒާމް އޮތްގޮތުން މާލީ ބަޔާން ހުށައަޅަން ޖެހޭ ބޭފުޅުން އެބަޔާން ހުށައަޅަން ޖެހޭ ފަރާތަކީ ނުފޫޒް ފޯރުވޭ ފަރާތަކަށްވެފައިވާ ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ އެމާލީ ބަޔާންތައް އާންމުކޮށް ހާމަކުރެވޭނެ އިންތިޒާމެއް ނެތުމާއި އެފަރާތްތައް ޒިންމާދާރު ނުކުރެވުމާއި ހަމަހަމަކަމެއް ނެތުމުގެ އިތުރުން ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތްތަކެއް ކަނޑައެޅިފައި ނެތް ކަން ފާހަގަ ކުރެއްވި އެވެ.