24 Dec 2014, 16:13
ޗައިނާއިން ކުރިއަށް ގެންދާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓް މަޝްރޫއު އާއި ދެކޮޅަށް ވާހަކަފުޅު ނުދެއްކެވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.
'ސަން' އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި ރާއްޖެއިން ބައިވެރިވުމަށާއި އަދި އެ މަޝްރޫޢުއާއި ގުޅިގެން އިންޑިއާއާއި ޗައިނާ އާއި ދެމެދު މައްސަލަތަކެއް އުފެދޭ ގޮތަށް ރާއްޖެފަދަ ގައުމަކުން އަޑުއުފުލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑު ރައީސް ނަޝީދަށް ދަންނަވާލަން ބޭނުން ޗައިނާގެ ސިލްކް ރޫޓް މަޝްރޫއާ ދެކޮޅަށް ވާހަކަފުޅު ނުދައްކަވާށޭ. ހާއްސަކޮށް އިންޑިއާއި އަދި ޗައިނާއާއި ދެމެދު މައްސަލަތަކެއް އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖެފަދަ ގައުމަކުން ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑު މަޖިލީހުގެ ނައިބް ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް އިއުތިމާސް ކުރަން ސިލްކް ރޫޓް މަޝްރޫއު އާއި ދެކޮޅަށް ވާހަކަފުޅު ނުދެއްކެވުމަށް،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ސިޔާސީ ޕާޓީ އެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން އެފަދަ ވާހަކަތަކެއް ނުދެއްކޭނެ ކަމަށާއި ރައީސް ނަޝީދު އެފަދަ ގޮތަކަށް ހާރިޖީ ސިޔާސަތުތަކަށް ފާޑުވިދާޅުވާން ވާނީ ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަން ރައީސް ނަޝީދަށް ހާރިޖީ ސަިޔާސަތުތަކަށް ބަސްބުނާނީ ދިވެހިރާއްޖޭގެ ވެރިކަމަށް އަރާވަޑައިގަންނަވާފައޭ. ސިޔާސީ ޕާތީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެކަހަލަ ވާހަކައެއް ނުދެއްކޭނެ. ޗައިނާ އާއި އިންޑިއާއި ދޭތެރޭގައި އޮތް ވާހަކައެއްގެ ތެރެއަށް ބުރުއަރާ ގޮތަށް އަޅުގަނޑުމެން އޭގެތެރެއަށް ވަދެގެންނުވާނެ" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ޗައިނާއިން ރާއްޖެއަށް އެތައް އެހީތަކެއް ވެދީފައިވާ ކަމަށެވެ. އެގޮތުން ޗައިނާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާރާތް ކުރަމުންދާ ފެލެޓްތަކުގެ މަސައްކަތް މޫސަ ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށް ޗައިނާއިން މަސައްކަތް ކުރަމުންދާއިރު ޗައިނާ އަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި އިންޑިއާއިން ބެރިވެރިވުމާއި ނުވުން އެއީ އެ ދެ ގައުމުގެ ދެމެދުގައި އޮތް ކަމެއް ކަަމށެވެ. އެހެން ކަމުން ޗައިނާއާއި އިންޑިއާއާ ދެމެދަށް ރާއްޖެ ވަނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ.
ޗައިނާގެ ސިލްކް ރޫޓް މަޝްރޫއާ ދެކޮޅަށް ވާހަކަފުޅު ނުދެއްކެވުމަށް ރައީސް ނަޝީދަށް މޫސަ ގޮވާލައްވާފައި މި ވަނީ އެ މަޝްރޫއުގައި ރާއްޖެއިން ބެއިވެރިވުމާ ދެކޮޅަށް ނަޝީދު އަޑު އުފައްލަވަމުން ގެންދަވަނިކޮށެވެ. އަދި ގައުމީ ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ އަމާންކަން ގެއްލި ގޮސް ދިވެހިންގެ މިނިވަންކަން ބީވިޔަނުދިނުމަށް ސިލްކް ރޫޓަށް ނޫނެކޭ ބުނަންޖެހޭ ކަަމަށެވެ.