އައިޖީއެމްއެޗް އިން ފޯނެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 47 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ އައިޖީއެމްއެޗްގައި ހުންނަ ފިހާރައިގައި ރާސްޓަސް އަޅަން ބޭނުންކުރާ ފޯނު ވަަގަށް ނެގި ކަމަށް ބުނެ ފުލުހުންނަށް އިއްޔެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލާގައި އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 8:30 އެހާކަންހާ އިރު، ޑޮކްޓަރަށް ދައްކަން ކިއުގައި އިންދައި ކަމަށާއި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ފިހާރަ އިން ވަގަށް ނަގާފައިވާ ފޯން އެމީހާގެ ޖީބުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާއަކީ ވައްކަމާއި މާރާމާރީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.